އިހްތިޖާޖުކޮށް މަގުތައްމައްޗަށް ނިކުމެންގެން ނޫނީ މި ރާއްޖޭގައި އިންސާފު ގާއިމްނުކުރެވޭނެކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިހެން ބުނީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި އެމްޑީޕީ ޕީޖީ ގުރޫޕުގެ ތަރުޖަމާނު މައުރޫފް ޒާކިރް ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ސަރުކާރުގެ އިހުމާލު ވަރަށް ބޮޑުކަމަށާއި، މިކަމާ ގުޅިގެން ޒުވާނުން ކުރަމުންދާ އިހްތިޖާޖުތަކަށް އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަދި ޖެންޑަރ މިނިސްޓަރު މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅާފައިވާކަމަށްވެސް ވިދާޅުވިއެވެ.
"ތަޙުޤީޤީ އިދާރާތަކާއި ޝަރުޢީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައި. ހޮޅުދޫގައި ހިނގި މާރާމާރީގެ މައްސަލައިގައިވެސް އިންސާފު ނުލިބި ލަސްވަމުންދާތީ ރައްޔިތުން ވަރަށް ކަންބޮޑުވޭ،" މައުރޫފް ވިދާޅުވިއެވެ.
މީގެއިތުރުން، ޓެކްސީ ޑްރައިވަރުންގެ ޙައްޤުތައް ހޯދުމަށް ކުރާ އިހްތިޖާޖުތަކަށްވެސް އެމްޑީޕީން ތާއީދުކުރާކަން ފާހަގަކުރައްވާ އޭނާ ވަނީ އެ ފަރާތްތަކުންވެސް އިހްތިޖާޖުތައް ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.
"އަޅުގަނޑުމެން އެ ބޭފުޅުންގެ އެ މަސައްކަތަކަށްވެސް ހިތްވަރުދެން. އިހުތިޖާޖުކޮށްގެން ނޫނީ މިއަދު މި ރާއްޖޭގައި އިންސާފު ޢަދުލުވެރިކަން ހޯދޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އަޅުގަނޑުމެންނަށް ވެސް ގަބޫލުކުރެވޭތީ." މައުރޫފް ވިދާޅުވެފައިވެއެވެ.
މުޒާހަރާތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް އެމްޑީޕީން ގޮވާލާފައިވާއިރު ޒުވާނުން ކުރިއަށް ގެންދާ މުޒާހަރާތަކުން ސިޔާސީ ފައިދާ ނެގުމަށް ބަޔަކު މަސައްކަތް ކުރާކަމަށާއި އެ ފުރުސަތު ނުދިނުމަށް ރައީސް ޑރ.މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
އަންހެނަކު އިމާރާތަކުން ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަކީ ގަބޫލުކުރައްވާ ކަންބޮޑުވުންތަކެއްކަން ފާހަގަކުރައްވާ ރައިސް ވިދާޅުވީ އެ ކަންބޮޑުވުންތަކުގެ ނުރަނގަޅު ބޭނުން ހިފައި ބައެއް ފަރާތްތަކުން ސިޔާސީ ބޭނުން ހިފަމުންދާތަން ފެންނަކަމަށެވެ.
ރައީސް ވިދާޅުވީ ޤައުމުގައި ހަމަޖެހުން އޮތުމަކީ ވަކިވަކި ފަރުދުންނަށް ވެސް އަދި ޖުމްލަ ގޮތެއްގައި މުޅި ރައްޔިތުންނަށް ވެސް މުހިންމު ކަމެއް ކަމަށެވެ. އަދި ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ޒިންމާއެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.




