ޅިޔަނުންނާއި ފަހަރިންނަށް ރައްކާތެރިވާން ޖެހޭ: ޑރ. އިޔާޒު

އަޅުގަނޑުގެ ޅިޔަނަކީ ވަރަށް ރަނގަޅުކަމަށް ފެންނަ މީހެކެވެ. އެހެންކަމާއިއެކުވެސް ރައްކައުތެރިވާން އެބަޖެހެއެވެ. އަޅުގަނޑުގެ ސުވާލަކީ ކިތަންމެ ރަނގަޅަސް ޅިޔަނުންނަށާ ފަހަރިންނަށް ރައްކައުތެރިވާންޖެހެނީ ކީއްވެތޯ؟  

ޖަވާބު: 

އެއްވެސް ކަމެއްގައި އެންމެން އެއގޮތެއް ނުވާނެއެވެ. އެންމެން ކަންކުރާނީ އެއގޮތަކަށް ކަމަށް ޤަބޫލުކުރާކަށްވެސް ނުވާނެއެވެ. ނަމަވެސް ކަމަކަށް ނުވަތަ ބައަކަށް ރައްކައުތެރިވުމަށް ޙަދީޘްފުޅުކުރައްވަވާފައިވާނަމަ އެކަމަށް ސަމާލުކަންދޭންޖެހޭނެއެވެ. ޅިޔަން ފަހަރިންނަށް ސަމާލުކަންދީ ރައްކައުތެރިކަން ލިބިގަންނަންޖެހެނީ އެކަމަށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅުކުރައްވަވާފައިވާތީއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

އަޅުގަނޑުގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮގެ މަހްރަމަކަށް އަޅުގަނޑުގެ ފިރިމީހާވާނެތޯ؟ 

ތިބާގެ ފިރިމީހާއަކީ އެއްބަނޑު އެއްބަފާ ކޮއްކޮ އަށް ހިލޭމީހެކެވެ. އެހެންކަމުން އޭނާ އަކީ މަޙްރަމަކަށް ނުވާނެއެވެ.  

ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِيَّاكُمْ وَالدُّخولَ عَلَى النِّسَاءِ ، فَقَالَ رَجُلٌ مِنَ الْأَنْصَارِيَا رَسُولَ الله ، أَفَرَأَيْتَ الْحَمْوَ ؟ قَالَالْحَمْوُ الْمَوْتُ)

މާނައަކީ: "ތިޔަބައިމީހުން އަންހެނުންގެ ގާތަށް ވަދެއުޅުމުގައި ރައްކާތެރިވާށެވެ. އެހިނދު އަންޞާރިއްޔަ ބޭކަލަކު ސުވާލުކުރެއްވިއެވެ. އޭ ﷲ ގެ ރަސޫލާ އެވެ. "ޅިއަން ފަހަރިންވެސް ތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ޅިއަން ފަހަރިންނަކީ މަރެކެވެ". 

މި ޙަދީޘް ގެ ޝަރަޙާ ގައި އަލްއިމާމް ނަވަވީ-ރަޙިމަހު ﷲ- ވިދާޅުވިއެވެ. "މި ޙަދީޘް ގައި ޅިއެންފަހަރިންނަކީ "މަރެއް" ކަމުގައި ޞިފަ ކުރައްވާފައިވަނީ އެބައިމީހުންގެ ފަރާތުންނިކުންނަ ފިތުނަވެރިކަމުގެ ބޮޑުކަމާއި ބިރުވެރިކަމުގެ ސަބަބުންނެވެ. ސަބަބަކީ ދުރުހިލޭ އެހެންމީހުންނާއި ތަފާތުކޮށް ޅިއަންފަހަރިންނަށް އެކަހެރިވެ، ގޯސްމަގަކުން ދިޔުމަށް ފުރުޞަތުބޮޑުވުމެވެ". 

މިކަމަކީ ދިވެހި މުޖްތަމަޢުގައި ކަމަކަށް ނުހަދާ ފަސޭހަކޮށްލެވިފައިވާ ކަމެކެވެ. ދައްތަގެ ފިރިމީހާއާއި އެކު ސައިކަލް ބުރުޖެހުމާއި، ދަތުރު ދިޔުމާއި، މިނޫންވެސް މިފަދަ ކަންތައް ދިވެހި މުޖްތަމަޢުގައި ހިނގާތަން ވަރަށް ގިނައިން ފެނެއެވެ. އެހެންނަމަވެސް، ޙަގީގަތުގައި ކަމަކީ ވަރަށްވެސް ޚުޠޫރަތްތެރިކަން ބޮޑު ކަމެކެވެ. ވީމާ، މިކަމާ ސަމާލުވުމަށް އެންމެހައިފަރާތް ތަކަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ. والله أعلم

 

– ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *