ރާއްޖޭގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ފިލްމީ ދާއިރާއަށް އެނބުރި އަންނަ ފިލްމު — "ޕާޓީ"ގެ ޝޫޓިން ނިންމާލައިފި އެވެ.
މިފިލްމަކީ ކުރިއަރަމުން އަންނަ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ ޑައިރެކްޝަނަކަށް އޭނާގެ ޕްރޮޑަކްޝަން ހައުސް — އައި ފިލްމްސް އިން އުފައްދާ ފިލްމެކެވެ.
މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު ޝޫޓިން ފެށި މި ފިލްމުގެ ޝޫޓިންގެ މަސައްކަތްތައް ނިންމާލާފައިވާކަން އައި ފިލްމްެސް އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.
ޕާޓީގެ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގެ މަސައްކަތް ފަށާފައިވާތީ ވީހާވެސް އަވަހަށް ފިލްމު ބެލުންތެރިންނާ ހަމައަށް ގެނައުމަށް ކެތްމަދުވެފައިވާ ކަމަށްވެސް ބުންޏެވެ. އެކަމަކު ޕާޓީ ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.
ޕާޓީގައި ނިއުމާގެ އިތުރުން މަޝްހޫރު އެކްޓަރު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) މުހިއްމު ރޯލެއް އަދާކުރާނެ ކަން ކުރިން އިއުލާންކޮށްފައިވެ އެވެ. އެކަމަކު މިފިލްމުގައި ހިމެނޭ އިތުރު ތަރިންގެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.
ނިއުމާ ފިލްމީ ދާއިރާއާ ދުރަށްދާ ކަން އިއުލާންކުރީ 2019 ވަނަ އަހަރު ނެރުނު "ނިވައިރޯޅި"އަށް ފަހު އެވެ.




