ވަރުގަދަ ފިލްމަކުން އަނުޝްކާ އެނބުރި އަންނަނީ

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އެނބުރި އެކްޓިން އަށް އަންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ފިރިމީހާ ވިރާޓް ކޯލީއާ އާއި ދެ ދަރިންނާ އެކު މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަ ބަތަލާ އަށް ޑައިރެކްޓަރު އެޓްލީގެ އާ ފިލްމުން ރޯލެއް ހުށަހަޅައި، އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ.

މި ފިލްމަކީ މަޝްހޫރު ތެލެގޫ އެކްޓަރު އަައްލޫ އާއި އަރުޖުން އާއި ދީޕިކާ ޕަދްކޯން ލީޑަށް ލައިގެން މިދިޔަ އަހަރުން ފެށިގެން ހަދަމުން އަންނަ ސައިންސް ފިކްޝަން ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ރަސްމީކޮށް އަދި ނަން އިއުލާން ނުކުރާ މި ފިލްމަށް އަނުޝްކާ ގެންނަން އެޓްލީ މަސައްކަތް ކުރަމުން އަންނަ އިރު، ފިލްމަށް ހުނަރުވެރި ބަތަލާ ސޮއިކުރާނެކަމުގެ އުންމީދު ބޮޑެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން ފިލްމުގެ ޓީމުން މިހާތަނަށް އެއްވެސް އެެއްޗެއް ނުބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކް ޚާންގެ 2023 ގެ 'ޖަވާން' ގެނެސްދިން ޑައިރެކްޓަރު، އައްލޫއާ އެކު ހަދާ ފިލްމުގެ ކާސްޓްގެ ދީޕިކާގެ އިތުރުން މުރްނާލް ތާކޫރާއި ރަޝްމިކާ މަންދަނާ އަދި ޖާންވީ ކަޕޫރް ވެސް ހިމެނެ އެވެ.

މި ފިލްމުގެ ރޯލެއް އަނުޝްކާ އަށް ހުށަހެޅި އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ ޝާހްރުކްގެ 2018 ގެ 'ޒީރޯ' އެވެ. އެކަމަކު އަނުޝްކާ ޕްރޮޑިއުސްކޮށް 2022 ގައި ނެޓްފްލިކްސް އަށް ގެނެސްދިން ފިލްމު 'ޤަލާ' ގައި އޭނަގެ ހާއްސަ ފެނިލުމެއް ހިމެނެ އެވެ.

އަނުޝްކާ އޮތީ މީގެ ދެތިން އަހަރު ކުރިން 'ޗަކްދާ އެކްސްޕްރެސް' ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ނިންމައިފަ އެވެ. މިއީ އިންޑިއާގެ ކުރީގެ އަންހެން ކްރިކެޓް ތަރި ޖޫލާންގެ ގޮސްވާމީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާއެކެވެ. 'ޗަކްދާ އެކްސްޕްރެސް' ގެ ޝޫޓިން ނިންމާފައި އޮތަސް އެ ފިލްމުގެ އެއްވެސް އަޕްޑޭޓެއް މި ފަހަކުން ލިބިފައެއް ނުވެ އެވެ.

އެހެންވެ ފިލްމު ރިލީޒް ކުރާނެ އިރެއް ވެސް ނޭނގެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *