ރާއްޖެއަށް ފުރަތަމަ ބަރު ހަތިޔާރުން ބަރާ ކުރެވޭނެ, މަނަވަރު ތުރުކީން ވެދުން ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ ފުރިހަމަކަން ކަމަށް ދިވެހި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ އެމްބެސެޑަރ މުހްތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒުގެ ކުރިމިނަލް ޖަސްޓިސް އެޑްވައިޒަރުކަން ކުރައްވާފައިވާ މުހްތާޒު ވިދާޅުވީ އަސްކަރީ ގޮތުން ކުރި އަރާފައިވާ ތުރުކީވިލާތުގެ އަސްކަރިއްޔާއިން މިހާރު ވެސް ބޭނުން ކުރަމުންދާ ބަރު ހަތިޔާރާއި މިސައިލް ބޭނުން ކުރެވޭ މަނަވަރެއް އަސްކަރީ ފުރިހަމަ އާލާތްތަކާއި އެކު ދިވެހި އަސްކަރިއްޔާއަށް ހަދިޔާ ކުރުމަކީ ފަހުރެއް ކަމަށެވެ.
“ދިވެހި ގައުމުގެ ސިޔާދަތީ ބާރާއި މިނިވަން ކަމާއި ދިވެހި މަސްވެރިންނާއި މަސް ކަނޑުތަކުގެ ހިމާޔަތުގައި ދިވެހި އަސްކަރިއްޔާއަށް ބަރު ހަތިޔާރުން ބަރާކުރެވޭނެ ފުރަތަމަ މަނަވަރު, އަސްކަރީ ގޮތުން ކުރިއަރާފައިވާ ތުރުކީވިލާތުން ދިވެހިންނަށް ވެދުން ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ ފުރިހަމަ ކެމެވެ.“ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒު ކުރައްވާފައިވާ އެކްސް ޕޯސްޓެއްގައި ވިދާޅުވެެފައިވެ އެވެ.
މި މަނަވަރު ހަދިޔާ ކުރުމާއި ގުޅިގެން ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއުޅަނދު ސިފައިންގެ ހިދުމަތަށް ތައާރަފުކުރެވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމާތްތެރިކަން ކަށަވަރުކުރުމާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގްވާމީ މުޖްތަމައުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެދުންކަމަށެވެ. އަދި މީ ސިފައިންގެ އެމްމެ މަތީވެރިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ހާސިލްވުމަށް ނެގުނު ވަރަށް މުހިއްމު ފިޔަވަޅެއްކަމަށްވެސް ޑިފެންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައިވެއެވެ.
ކޯސްޓްގާޑުގެ ގާބިލްކަން ދެގުނަ ކުރުމަކީ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަނޑުދަނޑިއެއްކަމަށްވެސް ޑިފެންސް ބަޔާނުގައިވެއެވެ. އަދި މިއީ ރަހުމަތްތެރި ގައުމަތަކާ ގުޅުންބަދަހި ކުރުމުގެ ނަތީޖާ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.




