ހަރަމްފުޅުގެ އިމާމް, ރާއްޖެ ވަޑައިގެން ހުކުރު ހުތުބާ ދެއްވާނެ: އިސްލާމިކް ވުޒާރާ

މަދީނާގެ ހަރަމްފުޅު މަސްޖިދުއް ނަބަވީގެ އިމާމް އަދި ހަތީބު ފަލީލަތުއްޝައިހް ޑރ. ސަލާހުލްބުދައިރު، ރާއްޖެއަށް ރަސްމީ ދަތުފުޅެެއްގައި ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނަބަވީގެ އިމާމު ޑރ. ސަލާހުލްބުދައިރު ރާއްޖެއަށް ވަޑައިގަތުމަށް ސައުދީގެ ރަސްގެފާނު ސަލްމާން ހުއްދަ ދެއްވާފައިވާކަމަށެވެ.

މިއީ 40 އަހަރު ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ހަރަމްފުޅެއްގެ އިމާމަކު ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅު މަސްޖިދުއް ހަރަމްގެ އިމާމު ފަލީލަތުއްޝައިހު މުހައަމަދު އައްސުބައްޔިލެވެ.

ޑރ. ސަލާހުލްބުދައިރު މި ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވުމުގެ އިތުރުން އާއްމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވާނެކަމަށެވެ. މީގެއިތުރުން އިލްމުވެރިންނާ ބައްދަލުކުރެއްވުމާއި ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ޑރ. ސަލާހުލްބުދައިރު މި ދަތުރުފުޅުގައި ރައީސް ޑރ މުހައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މަދީނާގެ ހަރަމްފުޅުގެ އިމާމު ޑރ ސަލާހުލްބުދައިރަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. މަދީނާގެ ހަރަމްފުޅުގައި އިމާމުވެ ތަރާވީހް ނަމާދުވެސް އޭނާ ކުރައްވައެވެ. އިސްލާމީ ދުނިޔޭގެ އިހްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *