ރިޒްގް ތަނަވަސް ވާން އެދޭމީހާ ކުރަންވީ ކަންކަން!

އެންމެ ފުރަތަމަ ކަމަކަށް ތިބާއަށް ﷲ ތަޢާލާ ފުރިހަމަކުރަން ދެއްވާފައިވާ ކަންކަން ފުރިހަމަ ކުރާށެވެ. އެއަށްފަހު ކުރަންހުރި ބައެއް ކަންކަން ބަޔާންކޮށްލާނަމެވެ.

· އެންމެ ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ދުޢާ ކުރާށެވެ.

އެގޮތުން ﷲ ތަޢާލާގެ ޙަޟްރަތަށް ތިބާއަށް ރިޒްޤު އިތުރުކުރެއްވުން އެދުމާއި، ﷲ ތަޢާލާ މުދަލުގައި ބަރަކާތް ލައްވާފައިވާ މީހުންގެ ތެރޭގައި ލެއްވުމަށް ދުޢާ ކުރާށެވެ.

އަޅުގަނޑުމެން އެންމެންނަށްވެސް މޫސާ ޢަލައިހިއްސަލާމްގެ ވާހަކަ އެނގެއެވެ. މޫސާ ޢަލައިހިއްސަލާމްގެ ވާހަކަ ﷲ ތަޢާލާ ޤަސަސް ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ.

ﷲ ތަޢާލާ އެސޫރަތުގައި މޫސާގެފާނު އެކަލޭގެފާނުގެ ފުރާނަ ސަލާމަތް ކުރެއްވުމަށް މަދްޔަނަށް ވަޑައިގަތެވެ. އަދި މަދްޔަނުގައި ދެ އަންހެން ކުދީންނަށް އެކުދީންގެ ޖަނަވާރުތަކަށް ފެންދިނުމުގައި އެހީތެރިވެވަޑައިގަތެވެ.

އެކަލޭގެފާނު އެކުދީންނަށް އެހީތެރިވެވަޑައިގެން ދެއްވަވައި ނިމުމުން ކުރެއްވީ ކީއްތޯއެވެ. އެކަލޭގެފާނު އަތްޕުޅުގައި އެއްވެސް އެއްޗެއް ނެތެވެ. އެކަލޭގެފާނުގެ ފުރާނަ ސަލާމަތްކުރެއްވެވުމަށް ޤައުމުން ފިއްލަވާވަޑައިގަތީއެވެ. މޫސާގެފާނުގެ ޤައުމުގެ ބައެއް މީހުން އެކަލޭގެފާނު ޤަތުލުކޮށްލަން ބޭނުންވިއެވެ. އެކަލޭގެފާނު މަދްޔަނަށް ވަޑައިގެން ދުޢާ ކުރެއްވިއެވެ.

އެކަލޭގެފާނު ކުރެއްވި ދުޢާއަކީ رَبِّ إِنِّى لِمَآ أَنزَلْتَ إِلَىَّ مِنْ خَيْرٍ فَقِيرٌ

މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ."

އެކަލޭގެފާނު އަތްޕުޅުގައި އެއްވެސް އެއްޗެއް އޭރަކު ނެތެވެ.

އެކަލޭގެފާނަށް މިދުޢާ ކުރެއްވެވުމުން ލިބިވަޑައިގަތީ ކޮން އެއްޗެއްހެއްޔެވެ.

އެކަލޭގެފާނަށް ކައިވެނި ކުރެވިގެން ދިޔައެވެ. އެކަލޭގެފާނަށް އުޅުއްވަވާނެ ތަނެއް ލިބިވަޑައިގަތެވެ.

އަޅުވެރި ޞާލިޙް ފިރިހެންމީހާ މޫސާގެފާނަށް ބުންޏެވެ. لَا تَخَفْ

މާނައީ: "ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ!"

އެއަށްފަހު މޫސާގެފާނަށް ރަސޫލުކަން ދެއްވާ، ﷲ ތަޢާލާ އެކަލޭގެފާނު ފިރްޢައުންގެ ގާތަށް ފޮނުއްވެވިއެވެ.

ކޮންމެ ތަނެއްގައި ހުރިނަމަވެސް ﷲ ތަޢާލާއަށް ތިބާގެ ޙާލަތު އެނގިވޮޑިގެންވެއެވެ.

ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ޣާފިރް ސޫރަތުގައި 60 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

 

ٱدْعُونِىٓ أَسْتَجِبْ لَكُمْ

މާނައީ: "ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ."

އަދިވެސް ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ

މާނައީ: "އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ."

 

· ރިޒްޤު އިތުރުކުރުމަށް ދެވަނަ ކަމަކަށް ކުރަން އޮތްކަމަކީ ގިނަގިނައިން އިސްތިޣްފާރްކުރުމެވެ.

ﷲ ތަޢާލާގެ ޙަޟްރަތައް ތިބާގެ ހިތް ސާފުކުރެއްވުމަށް އެދި ދަންނަވާށެވެ. ތިބާގެ ފާފަތައް ފުއްސެވުމަށް އެދި ދަންނަވާށެވެ.

ނޫޙް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ދެންނެވިއެވެ.

ﷲ ތަޢާލާ ނޫޙް ސޫރަތުގެ 10، 11 އަދި 12 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا ‎﴿١٠﴾‏يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا ‎﴿١١﴾‏ وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا ‎﴿١٢﴾‏

މާނައީ: "ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (10) (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. (11) އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. (12)"

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. އިސްތިޣްފާރްކުރާށެވެ.

 

· ތިންވަނަ ކަމަކީ ނަމާދުކުރުމެވެ.

ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ޠާހާ ސޫރަތުގެ 131 ވަޙީ ކުރައްވާފައިވެއެވެ.

وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًا مِّنْهُمْ زَهْرَةَ ٱلْحَيَوٰةِ ٱلدُّنْيَا لِنَفْتِنَهُمْ فِيهِ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَىٰ ‎﴿١٣١﴾‏

މާނައީ: "އަދި އެއުރެންގެ ތެރެއިން ބަޔަކަށް دنيوى حياة ގެ ޒީނަތްތެރިކަމުގެ ގޮތުން ތިމަންރަސްކަލާނގެ އެތަކެއްޗާމެދު އެއުރެން امتحان ކުރެއްވުމަށްޓަކައި، ދެއްވި ތަކެއްޗަށް އެދިވަޑައިގެން، ކަލޭގެފާނު ނުބައްލަވާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވަވާ ތަކެތި ހެޔޮކަން ބޮޑެވެ. އަދި ދެމިހުރުން މާބޮޑުމެއެވެ. (131)"

ނަމާދުކުރުމަށް ތިބާގެ ޢާއިލާއަށްވެސް އަންގާށެވެ. އަދި ތިބާވެސް ނަމާދުކުރާ މީހަކަށް ވާށެވެ.

ބައެއް ފަހަރަށް ނަމާދުކުރުމަކީ ވަރަށް އުދަނގޫ ކަމަކަށްވެއެވެ. ތިބާއަށް ވަރަށް ބިޒީ ދުވަހަކަށް ވާނަމައެވެ. މަޣްރިބް، ޢިޝާ ނަމާދު، އަދި ފަތިސް ނަމާދުކުރަން ޖެހެއެވެ. އަދި ފިނި މޫސުން ނަމަ ވުޟޫކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެއެވެ. އެކަންކަމަށް ކެތްތެރިވާށެވެ.

ނަމަވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ޠާހާ ސޫރަތުގެ 131 ވަނަ އާޔަތް ހަނދާންކޮށްލާށެވެ. އަދި ނަމާދުކުރުމުގައި ނަމާދުގެ ޙަރަކާތްތައް ރަނގަޅުކޮށް އެންމެ ރަނގަޅަށް ނަމާދުކުރެވޭ މީހުންގެ ތެރެއިން ވުމަށް މަސައްކަތް ކުރާށެވެ.

 

· ހަތަރުވަނަ ކަމަކަށް ޞަދަޤާތްކުރުމެވެ.

މީގައި ހިމެނެނީ މަޖުބޫރުކޮށް ދޭން ޖެހޭ އެއްޗަކާއި އަމިއްލައަށް ޞަދަޤާތުގެ ގޮތުގައި ދޭ އެއްޝެވެ.

ބައެއް ފަހަރަށް ނުވަތަ ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެންގެ ޙަޔާތުގައި ކަންކަން ގޯސްކޮށް ދަނީ ކީއްވެގެންކަން އަމިއްލައަށް ފާހަގައެއް ނުކުރެވެއެވެ.

ސަބަބަކީ އަޅުގަނޑުމެން ޒަކާތް ނުދޭތީއެވެ. އެއީ އަޅުގަނޑުމެންނަށް މަޖުބޫރު ކަމެކެވެ.

އެއީ ޙަޤީޤަތުގައި އެހެން މީހަކަށް ޙައްޤުވެގެންވާ މުދަލެކެވެ. ތިބާއަށް ޙައްޤުވާ މުދަލެއް ނޫނެވެ.

މީގެ އިތުރުން ޞަދަޤާތުގެ ގޮތުގައި ދޭ އެއްޗެހި ވެސް ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

عن أبي هريرة رضي الله عنه أن النبي ﷺ قال‏:‏ ‏ "‏ ما من يوم يصبح العباد فيه إلا ملكان ينزلان، فيقول أحدهما‏:‏ اللهم أعط منفقًا خلفًا، ويقول الآخر‏:‏ اللهم أعط ممسكًا تلفًا‏"‏ ‏(‏‏(‏متفق عليه‏)‏‏)‏‏.

މާނައީ: "ކޮންމެ ދުވަހަކު ހެނދުނު ދެ ملائكة ން ފައިބައިވަޑައިގަންނަވައެވެ. އެއް މަލާއިކަތަކު ވިދާޅުވެއެވެ. އޭ اللَّه އެވެ! އެއްޗެއް ޚަރަދުކުރާ މީހާއަށް، އެމީހަކު ހޭދަކުރާ އެއްޗެއްގެ ބަދަލުގައި، އެއްޗެއް ދެއްވާށިއެވެ އަނެއް މަލާއިކަތާ ވިދާޅުވެއެވެ. އޭ اللَّه އެވެ! ހިފަހައްޓާމީހާއަށް ހަލާކު ދެއްވާނދޭވެ!"

 

· ފަސްވަނަ ކަމަކަށް ތަވައްކުލް ކުރުމެވެ.

ﷲ ތަޢާލާ ޠަލާޤް ސޫރަތުގެ 3 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

 

وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُۥٓ

މާނައީ: "އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ."

ﷲ ތަޢާލާއަށް ފުރިހަމައަށް ވަކީލްކުރާށެވެ. އަދި ﷲ ތަޢާލާއަށް ފުރިހަމައަށް ވަކީލްކޮށްފިނަމަ ކަންކަން ޙާޞިލްވާނެކަމަށް ޤަބޫލްކުރާށެވެ.

ފުރިހަމައަށް ވަކީލްކުރުމަކީ ގޭގައި އެއްވެސް ކަމެއް ނުކޮށް އިނުމެއް ނޫނެވެ. އެއީ ﷲ ތަޢާލާއަށް އިތުބާރުކޮށް އަމިއްލައަށް އެކަމެއް ކުރުމަށް މަސައްކަތްކުރުމެވެ.

اللَّه އީ، އެކަން ކުރުމުގެ ކުޅަދާނަކަން ތިބާއަށް ދެއްވި ރަސްކަލާނގެއެވެ.

 

· ހަވަނަ ކަމަކަށް ތަޤްވާވެރިވުމެވެ.

ﷲ ތަޢާލާ ޠަލާޤ ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

 

وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًا ‎﴿٢﴾‏

މާނައީ: "އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. (2)"

 

· ހަތްވަނަ ކަމަކަށް ރަޙިމްގެ ގުޅުން ދެމެހެއްޓުމެވެ.

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

 

«مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ» [متفق عليه]

މާނައީ: "ރިޒްޤުތަނަވަސްވުމަށް އެދޭމީހާ އަދި އަޖަލުފަސްވުމަށް އެދޭމީހާ ދަންނައެވެ. ފަހެ އެމީހެއްގެ ރަޙިމުގެ ގުޅުން ޤާއިމުކުރާ ހުށިކަމެވެ."

ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެހީގައި މިހާރު ރަޙިމްގެ ގުޅުން ޤާއިމްކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ތިބާއަށް ގާތްތިމާގެ މީހަކަށް ކިތަންމެ ދުރުގައި ހުރިނަމަވެސް ގުޅާލެވިދާނެއެވެ. މެސެޖު ކޮށްލެވިދާނެއެވެ. ގުޅުން ބާއްވާނަމަ ﷲ ތަޢާލާ ތިބާއަށް ބަރަކާތް ލައްވާނެއެވެ. އިން ޝާ ﷲ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *