ބަންކަރިން މެދުވެރިކޮށް އެކަށީގެންވާ އާމްދަނީއެއް ލިބެމުންދާކަމަށް އެސްޓީއޯއިން ބުނެފި

ބަންކަރިން މެދުވެރިކޮށް އެކަށީގެންވާ އާމްދަނީއެއް ލިބެމުންދާ ކަމަށް ރާއްޖޭގެ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.

ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ރާއްޖޭގެ އުތުރު، އިހަވަންދިއްޕޮޅުގައި ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މި ބަންކަރިންގެ ހިދުމަތް ފެށުމަކީ ޓޫރިޒަމް ފިޔަވައި އެހެން ސިނާއަތްތައް ކުރިއަރުވައި ރާއްޖޭގެ އިގުތިސާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެއް މަސައްކަތް ކަމަށް ސަރުކާރުން ބުނެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބަންކަރިންގ ހިދުމަތް އެސްޓީއޯއިން މެދުނުކެނޑި ފޯރުކޮށްދެމުންދާ ކަމަށެވެ. މިގޮތުން ބަންކަރިންގ މެދުވެރިކޮށް ރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު ވަނުމުގެ ޓާގެޓަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެކުރިން ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި މިނިސްޓަރު ވިދާޅުވެފައިވަނީ ބަންކަރިންގ ހިދުމަތުން މިހާތަނަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިފައިވާ ކަމަށެވެ.

އެސްޓީއޯއިން ބުނީ އަލަށް އޮފްޝޯ ބަންކަރިންގެ ގޮތުގައި ފެށި، މުޅިން އާ ވިޔަފާރިއަކާ އަޅާބަލާއިރު ބަންކަރިންގެ ހިދުމަތުން އެކަށޭނަ އާމްދަނީއެއް ލިބެމުންދާ ކަމަށެވެ. ނަމަވެސް މި ސިނާއަތުގެ ފުރިހަމަ ގާބިލުކަން ހަގީގަތަކަށް ހެދުމަށް އަދިވެސް ބައެއް ގޮންޖެހުންތައް ހުރި ކަމަށް އެސްޓީއޯއިން ދަނީ ފާހަގަކުރަމުންނެވެ. އަދި މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި ރާއްޖޭގައި ބަންކަރު ކުރުމަށް ބޮޑެތި ޝިޕިން ލައިނުތަކުގެ އެޕްރޫވަލް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *