މި މަހުގެ 18 ވަނަ ދުވަހު ހިނގި ޙާދިސާގެ މައްސަލައިގައި އުންމީދުކުރައްވަނީ "ފިސާރީ އަވަހަށް" ކޮމިޝަނުގެ މަސައްކަތް ނިންމައި، އިންސާފާ ހަމައަށް ގެންދިޔުން ކަމުގައި އެ މައްސަލައިގެ ތަހުޤީގު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލި ރިޔާސީ ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން މިއަދު ބޭއްވި، ކޮމިޝަނުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ބަންޑާރަ ނައިބު މުނައްވަރު ވިދާޅުވީ، އެ މައްސަލައިގައި ހިމެނޭ ދައުލަތުގެ އެކި މުއައްސަސާތަކާ އެކު ބައްދަލުވުންތައް ފެށުމަށް، މިއަދު ފުރަތަމަ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި، އެ މައްސަލަ ކުރިއަށް ގެންދާނީ އާންމުންގެ ކަންބޮޑުވުންތަކަށް ވެސް ބަލައިގެން ކަމަށެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި، އެ މައްސަލައިގައި ކޮމިޝަނުގެ އުންމީދަކީ ވީހާ ވެސް އަވަހަކަށް އެ މައްސަލައިގެ އިންސާފާ ހަމައަށް ވާސިލުވުމެވެ. އަދި އެކަން ކުރުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް އައިސްފިނަމަ ޢަމަލުކުރާނީ ކިހިނަކުންތޯ ނޫސްވެރިއަކު ސުވާލު ދެންނެވެމުން މުނައްވަރު ވިދާޅުވީ، އޭނާއަށް ނުފޫޒު ފޯރުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި މިނިވަންކަމާ އެކު މަސައްކަތް ނުކުރެވޭނެ ކަމަށް ފެނިއްޖެ ނަމަ އޭނާ އެ ކޮމިޝަނުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
" އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް އަޅުގަނޑުމެންނަށް ވަރަށް މިނިވަންކަމާ އެކު މަސައްކަތް ގެންގޮސް، މި މައްސަލާގައި ރައްޔިތުން ބޭނުންވާ ގޮތަށް އިންސާފުވެރިކަމާ އެކު ދައުލަތުގެ މުއައްސަސާތަކުން ބެލޭނެކަން ކަށަވަރުކުރުން އަޅުގަނޑުމެންނަށް ކުރެވެން ޖެހޭނެކަން. މިނިވަންކޮށް މިކަން ނުގެންދެވޭ ކަމަށް ވެއްޖެއްޔާ، އެއްވެސް ބާވަތެއްގެ ނުފޫޒަށް ކަމެއް ނިންމަން ޖެހޭ ގޮތަށް ޕްރެޝަރެއް އައިސްފިއްޔާ އަޅުގަނޑު އިސްތިއުފާ ދޭނަން ވަގުތުން، " މުނައްވަރު ވިދާޅުވިއެވެ.
މީގެ އިތުރުން މި މައްސަލައަކީ ޙައްސާސް މައްސަލައެއްކަން ފާހަގަކުރައްވަމުން މުނައްވަރު ވިދާޅުވީ، މި މައްސަލައިގައި އާންމުންގެ ފަރާތުން މައުލޫމާތު ދިނުމަށް ޕޯޓަލްއެއް ތައްޔާރުކުރާނެ ކަމަށެވެ. އަދި އެ ޕޯޓަލް މެދުވެރިކޮށް ކޮމިޝަނުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ފެނި، ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ޢާންމުންނަށް ސުވާލުވެސް ކުރެވޭނެ ކަމުގައި މުނައްވަރު ވިދާޅުވިއެވެ.
އަދި މިހާރު ފުލުހުން ތަހުގީގުކުރަމުންދާ މައްސަލަ ގޮސްފައިވާ ހިސާބު ބަލައި، އެ މައްސަލައިގެ ރިވިއު އެއް ވެސް އެ ކޮމިޝަނުން ކުރާނެ ކަމުގައި ވެސް މުނައްވަރު ވިދާޅުވިއެވެ.
18 ވަނަ ދުވަހު ހިނގި މައްސަލައާ ގުޅިގެން ރިޔާސީ ކޮމިޝަނެއް ރައީސް އުފެއްދެވީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އެ ކޮމިޝަނުގައި ޖުމްލަ ފަސް މެންބަރަކު ހިމެނިވަޑައިގަންނަވައެވެ.




