ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުވާ ވާހަކަ ދައްކާއިރު ކައުންސިލްތައްވެސް ޒިންމާދާރު ކަމާއެކު މަސައްކަތް ކުރާ މަންޒަރު ރައްޔިތުންނަށް ފެންނަންވާނެ ކަމަށެވެ.
އެގޮތުން ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާ ހޭދަކުރަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށްތޯ ބެލޭނެ ނިޒާމެއް ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަ ގޮތަށް ގެނައުމަށް ވިސްނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“މިހާރު ވާގޮތަކީ، ބްލޮކް ގްރާންޓް ނަގައިގެން ދަނީ ތަޖުރިބާ ދަތުރު ކިޔާފައި، ބެންކޮކަށާއި ތަންތަނަށް. މުޅި ކައުންސިލް އޮތްގޮތަށް އިނގޭތޯ. ރައްޔިތުންނަށް ކޮން ފައިދާއެއްތޯ އެއިން ކުރަނީ؟ އެއީއެއް ނޫނޭ ބްލޮކް ގްރާންޓް ބޭނުންކުރަން އޮންނަ ކަމަކީ.” ރައީސް މިއަދު ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް ވަނީ، ބައެއް ކައުންސިލްތަކުގެ ވިސްނުން ހުންނަ ގޮތް ބަދަލު ކުރެއްވުމަށްވެސް އިލްތިމާސް ކުރަށްވާފައެވެ.
އެހެންކަމުން ބްލޮކް ގްރާންޓް ސޭވިންގ އެކައުންޓަކަށް ނުލެވޭނެ ގޮތަށް ކަންކަން ބައްޓަން ކުރެއްވުމަށް މަސައްކަތް ކުރަށްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވެފައިވެއެވެ.




