މެސީ އިންޑިއާއަށް ދަނީ، މޯދީއާ ބައްދަލުކުރާނެ

ދުނިޔޭގެ އެއް ނަންބަރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ މި އަހަރުގެ ޑިސެމްބަރު މަހު އިންޑިއާއަށް ދަތުރެއް ކުރަން ހަމަޖެހިއްޖެ އެވެ.

އާޖެންޓީނާގެ ކެޕްޓަން މެސީއާއި އެ ގައުމުގެ އެހެން ބައެއް ކުޅުންތެރިން އިންޑިއާއަށް ގޮސް ފުޓްބޯޅަ ހަރަކާތްތަކެއްގައި ބައިވެރިވާނެ އެވެ. އަދި މިދަތުރުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާއި މެސީ ބައްދަލުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

އިންޑިއާގައި އިވެންޓްތައް އިންތިޒާމުކުރާ ބޮޑެތި ކުންފުނިތަކަކުން ރާވާފައިވާ މިދަތުރުގައި މެސީ ދަތުރުކުރާނީ އިންޑިއާގެ ކަލްކަތާ، އަހްމަދުއާބާދު، މުމްބާއީ އަދި ނިއުދިއްލީ އެވެ.

މެސީ އެންމެ ފުރަތަމަ ދަތުރުކުރާނީ ޑިސެމްބަރު 12 ވަނަ ދުވަހު ކަލްކަތާ އަށެވެ. ކަލްކަތާ އަކީ އިންޑިއާގެ ފުޓްބޯޅައިގައި އެންމެ ފާހަގަކުރެވޭ އެއް ސަރަހައްދެވެ. އެތަނުގައި މެސީގެ ނަމުން ހުޅުވާ ބިނާއެއް ހުޅުވަލުމުގެ ޝަރަފު މެސީ އަށް ލިބިގެންދާނެ އެވެ. އަދި މަޝްހޫރު އީޑެން ގާޑެންސް ސްޓޭޑިއަމުގައި ބާއްވާ ސެވަން އަ ސައިޑް މުބާރާތެއްގައި މެސީ ކުޅޭނެ އެވެ.

މި މުބާރާތުގައި އިންޑިއާގެ ކުޅުންތެރިޔާ ސޯރަވް ގަންގޫލީ، ލެއަންޑާ ޕައެސް، ބައިޗުން ބުޓިޔާ އަދި ފިލްމީ ތަރިއެއް ކަމަށްވާ ޖޯން އަބްރަހަމްވެސް ކުޅޭނެ އެވެ.

މެސީގެ ދެވަނަ މަންޒިލަކީ އަހްމަދުއާބާދެވެ. އެ ތަނުގައި ލެކް ކްޓީ އަދާނީ ގުރޫޕުގެ މުހިއްމު އިވެންޓެއްގައި މެސީ ބައިވެރިވާނެ އެވެ. އަހްމަދުއާބާދަށްފަހު މުމްބާއީއަށް ގޮސް، ވަންކެޑޭ ސްޓޭޑިއަމުގައި ކުރިއަށްދާ މުބާރާތެއްގައިވެސް މެސީ ކުޅޭނެ އެވެ.

މި ދަތުރުގެ އެންމެ ފަހު މަންޒިލަކަށް ޑިސެމްބަރު 15 ވަނަ ދުވަހު މެސީ ދާނީ ނިއުދިއްލީ އަށެވެ. ދިއްލީއަށް ކުރާ ދަތުރުގައި ބޮޑުވަޒީރު މޯދީއާ ބައްދަލުކުރާނެ އެވެ. ޑިއްލީގެ ފަހު ހަރަކާތަކީ ފީރޯޒް ޝާހު ކޮޓްލާ ސްޓޭޑިއަމުގައި ބާއްވާ ފުޓްބޯޅަ މުބާރާތެވެ.

ކޮންމެ ތަނެއްގައިވެސް މެސީ މެދުވެރިކޮށް އިންޑިއާގެ ކުޑަކުދިންނަށް ފުޓްބޯޅަ މާސްޓާކްލާސް ހިންގާނެ އެވެ. އަދި އޭނާގެ ފޭނުންނާ ބައްދަލުކުރާނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *