ސައުތު އޭޝިއަން ސުޕަ ކަޕް ދިވެހިރާއްޖެ އިން ކާމިޔާބުކޮށްފި އެވެ.
ރާއްޖެއަށް މި މުބާރާތުގެ ތަށި ލިބުނީ ލަންކާއާ އެކު ކުޅުނު ފުރަތަމަ މެޗުގައި 3-0 އިން މޮޅުވެ، މިއަދު ކުޅުނު މި ދެ ޓީމުގެ ދެވަނަ މެޗު 1-1 އިން އެއްވަރުވުމުން 4-1ގެ އެގްރިގޭޓުންނެވެ.
ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު މެޗުގެ 67 ވަނަ މިނެޓްގައި ރާއްޖެއަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ފޭދޫ އިއްބެ ބޮލުން ފޮނުވާލި ހަމަލާއެއް، ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ދިވެހި ޓީމުން ޗެމްޕިއަންކަން ހޯދުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޓީމަށް މަރުހަބާ ވިދާޅުވެފަ އެވެ.




