ހިތްވަރުކުރި ނަމަވެސް ތަޖިކިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖިކިސްތާނާ ބައްދަލުކޮށް 0-3ގެ ނަތީޖާއަކުން ރާއްޖޭގެ ގައުމީ ޓީމު ބަލިވެއްޖެ އެވެ.

މިއީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުން، ގަލޮޅު ދަނޑުގައި ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

މިދިޔަ 733 ދުވަސް ތެރޭގައި ގަލޮޅު ދަނޑުގައި ގައުމީ ޓީމުން އެންމެ ފަހުން ކުޅެފައިވަނީ 2023 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ދިވެހި ގައުމީ ޓީމަށް ވަނީ ކުޅުންތެރިން ސަސްޕެންޑްވުމުގެ މައްސަލައެއް ކުރިމަތިވެފަ އެވެ. ދެ ކާޑު ހަމަވުމުގެ ސަބަބުން ކުރިން ފުރަތަމަ އެގާރައިގައި ގިނަ މެޗުތަކެއް ކުޅެފައިވާ އިބްރާހިމް އައިސަމް މި މެޗަށް ސަސްޕެންޑް ކޮށްފައިވަނިކޮށް، އޭނާގެ މަގާމަށް ފުރަތަމަ އެގާރައިގައި ކުޅުނީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. ހަންނަ ވަނީ މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު، ތަޖިކިސްތާންގައި އެ ގައުމާ ދެކޮޅަށް ކުޅެ، 2-0 އިން ރާއްޖެ ބަލިވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެން ގޮސްފަ އެވެ.

މެޗުގެ ކުރީކޮޅުން ފެށިގެން ދެ ޓީމުންވެސް ވަނީ ހަމަހަމަ ކުޅުމެއް ދައްކާފަ އެވެ. ތަޖިކިސްތާނަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ އެހްސޯނީ ޕަންޖްޝަންބޭ މެޗުގެ 13 ވަނަ މިނެޓުގައި ވަނީ ލީޑު ނަގާފަ އެވެ. އެކަމަކު ރާއްޖޭގެ ކެޕްޓަން އަދި ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ މި މެޗުގައި ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.

ރާއްޖެއަށް ލިބުނު ރަނގަޅު ފުރުސަތުތަކުގެ ތެރެއިން މެޗުގެ 28 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަންޕު) ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ އެވެ.

މެޗުގެ ދެވަނަ ހާފުގައި ތަޖިކިސްތާންގެ ކުޅުން ވަރުގަދަކޮށް މެޗުގެ 70 ވަނަ މިނެޓުގައި ޝެރްވޯނީ މަބަޓްޝޯއެވް އެ ޓީމަށް ލީޑު ފުޅާކޮށްދިނެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ޕާވީޒްޖޯން އުމަރުބޭއެވް ޖެހި ގޯލާއެކު ތަޖިކިސްތާނުން ވަނީ މުހިއްމު ތިން ޕޮއިންޓް ހޯދާފަ އެވެ.

ތަޖިކިސްތާނުން ރާއްޖެ އަތުން ހޯދި މޮޅާ އެކު، ކޮލިފައިން ގްރޫޕް އޭގެ އެއްވަނައިގައި އެ ޓީމު އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ފިލިޕީންސަށް ތިން މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިން ވަަނައިގައި އޮތް އީސްޓް ޓިމޯ (ޓިމޯ ލެސްޓޭ) އަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ހަަތަަރު މެޗުން ބަލިވުމުން ރާއްޖެއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ކޮލިފައިންގައި ރާއްޖެއަށް ދެން އެންމެ އަވަހަށް އޮތީ އަންނަ މަހު 18 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗެވެ. ފިލިޕީންސުން ކޮލިފައިންގައި ކުޅޭ ހަތަރުވަނަ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ޓިމޯ ލެސްޓޭއާ ކުޅޭނެ އެވެ.

މިއަދުގެ މެޗު ބެލުމަށް ގަލޮޅު ދަނޑަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޖަމާވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *