އިންޑިޔާގައި މެސީ ފެންނާނެ ކަމަށް ޓިކެޓް ގަނެގެން ދަނޑަށްވަދެ މެސީ ނުފެނުމުން އަރައިގެންފި

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ކަލްކަތާގެ 'ސޯލްޓް ލޭކް ސްޓޭޑިއަމް' އަށް ކުރި ޒިޔާރަތުގައި ފޭނުން ބޮޑު ހަމަނުޖެހުމެއް ހިންގައިފިއެވެ.

މި ހަމަނުޖެހުން ހިނގާފައިވަނީ ސްޓޭޑިއަމްގައި ކުޅުނު މެޗެއް ބަލާލުމަށް މިއަދު ހެނދުނު ދަނޑަށް ޒިޔާރަތްކުރުމަށްފަހު މާ އަވަހަށް އެތަނުން ދިއުމުންނެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ސަލާމަތީ ސަބަބުތަކާހެދި މެސީ ވަނީ ކުރިން ކަނޑައެޅި ގަޑިއަށްވުރެ މާ އަވަހަށް އެތަނުން ނިކުމެފައެވެ. މެސީއާއެކު ލުއިސް ސުރޭޒް އާއި އާޖެންޓީނާގެ ޓީމުގެ ކުޅުންތެރިޔާ ރޮޑްރިގޯ ޑި ޕޯލްވެސް ދަނޑަށް ޒިޔާރަތްކުރިއެވެ.

މެސީ ދަނޑުން ނިކުތުމާއެކު ދަނޑުގައި ތިބި އޭނާގެ ފޭނުންވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ދަނޑުތެރެއަށް ފެންފުޅިތަކާއި އަތުޖެހުނު އެއްޗެއް އުކައި މުޅި ސްޓޭޑިއަމް ހަލަބޮލިކޮށްލާފައެވެ. ދަނޑުގައި ތިބި މީހުން ވަނީ ސްޓޭޑިއަމްގައި ހުރި ގޮނޑިތަކާއި އެނޫންވެސް އެއްޗެހި ދަނޑުތެރެއަށް އުކައި، އެކިވަރުގެ ގެއްލުންތައް ދީފައެވެ.

ކަލްކަތާގެ 'ސޯލްޓް ލޭކް ސްޓޭޑިއަމްގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެ ސިޓީގެ މޭޔަރު މަމަތާ ބަނެޖީ ވަނީ ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ކަންބޮޑުވުންފާޅުކޮށްފައެވެ. އޭނާ ވިދާޅުވީ މިއީ ކަންކަން ރަނގަޅަށް އިންތިޒާމް ނުކުރެވުމުގެ ސަބަބުން ހިނގާދިޔަ ހާދިސާއެއްކަމަށް ވިދާޅުވެފައެވެ.

އިންޑިއަން އެކްސްޕްރެސްއާ ވާހަކަދެއްކި މެސީގެ ފޭނަކު ބުނީ، މީހުން ރުޅިއައުމުގެ އެންމެބޮޑު ސަބަބަކީ ބޮޑުއަގުގައި ޓިކެޓް ގަނެގެން ދަނޑަށްގޮސް މެސީ ދެކިލުމަށް ކުރި ދިގު އިންތިޒާރު ފެނަށްވެގެން ދިއުމުންކަމަށެވެ. މިއީ އިވެންޓް އިންތިޒާމްކުރި މީހުންގެ އިހުމާލުކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި ދަނޑުގައި ހުރި ވަގުތުތަކުގައިވެސް ސެކިއުރެޓީ އޮފިސަރުންނާހެދި ގިނަ ފޭނުންނަށް މެސީ ނުވެސް ފެންނަކަމަށް އޭނާ ބުންޏެވެ.

މެސީ އިންޑިއާއަށް ކުރަމުންދާ ދަތުރުގައި 4 ދުވަހު އެޤައުމުގައި މަޑުކުރާނެއެވެ. އިންޑިއާއަށް މެސީ ކުރަމުންދާ ދަތުރުގައި އެޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މެސީއާއެކު ފޮޓޯ ނަގަން ބޭނުންވާ ފަރާތްތަކަށް ފޮޓޯނެގުމުގެ ކަންކަން ކުރިއަށްދާއިރު، އެކަމަށް ފުރުރުސަތު ލިބެނީ ބޮޑުއަގުގައި ޓިކެޓް ގަނެގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *