ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުކަމުގެ މަގާމަށް ކުރިންވެސް އެ މަގާމު ދެ ފަހަރަކަށް އަދާކޮށްފައިވާ ހަންގޭރީގެ އިސްޓަވާން އުރުބާނީ ހަމަޖައްސައިފި އެވެ.
އުރުބާނީއާ އަލުން ގައުމީ ޓީމު ހަވާލުކުރުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ނިންމީ އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ނުވަވަނަ ބައްދަލުވުމުގައެވެ.
އުރުބާނީ ރާއްޖެ އައިސް ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވުމުގެ އިތުރަށް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުވެސް އަދާކުރާނެ އެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ކަމާ އުރުބާނީ އެންމެ ފުރަތަމަ ހަވާލުވީ 2009 ވަނަ އަހަރުއެވެ. އެ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އުރުބާނީގެ އިރުޝާދުގެ ދަށުން ކުޅުނު ގައުމީ ފުޓުބޯޅަ ޓީމުން ވަނީ މުބާރާތުގެ ރިހި މެޑަލް ހޯދާފަ އެވެ.
އޭގެފަހުން 2012 ވަނަ އަހަރު ސްރީލަންކާގައި އޮތް 23 އަހަރުން ދަށުގެ އިންވިޓޭޝަނަލް މުބާރާތް ރާއްޖެއިން ކާމިޔާބުކުރީވެސް އުރުބާނީގެ ކޯޗު ކަމުގައެވެ.




