އެޕަލްގެ އާ އުފެއްދުންތައް ލޯންޗްކުރުމަށް ބާއްވާ އަހަރީ އިވެންޓް ކުރިއަށް އޮތް ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
އެޕަލް އިން ވަނީ މި އިވެންޓްގެ ލައިވްސްޓްރީމް ލިންކެއް އެކުންފުނީގެ ޔޫޓިއުބް ޗެނަލަށް އަޕްލޯޑްކޮށް ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ އިވެންޓްގައި ބައިވެރިވުމަށް ދައުވަތު ދީފަ އެވެ.
އެމެރިކާގެ ކެލިފޯނިއާގެ ކުޕަޓީނޯގައި ހުންނަ އެޕަލް ޕާކް ކެމްޕަހުގައި މި އިވެންޓް ފަށާނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:30 ގައެވެ.
އެޕަލް އިން އަލަށް ތައާރަފްކުރާ އެއްވެސް އުފެއްދުމެއް މިއިވެންޓްގައި ލޯންޗްކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން އަދި ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް އެޕަލްގެ އުފެއްދުންތަކަށް ފާރަވެރިވާ އެނަލިސްޓުން ބުނާ ގޮތުގައި މި އިވެންޓްގައި އާ އުފެއްދުންތައް ދައްކާލާނެ އެވެ. އެގޮތުން އެޕަލްގެ އައިފޯން 18 ސީރީޒް ތައާރަފްކޮށް އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ އައިފޯން ދައްކާލާނެ ކަމަށްވެ އެވެ. މީގެއިތުރުން އެޕަލް ވޮޗް ސީރީޒް 12 އަދި އެޕަލް ވޮޗް އަލްޓްރާ ހިމެނޭ ގޮތަށް ސްމާޓް ހޯމް ޑިވައިސްތަކެއް ތައާރަފްކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް އެނަލިސްޓުން ބުންޏެވެ.
ކެމެރާ ހަރުކޮށްފައިވާ އެޕަލްގެ އެއާޕޮޑްސްގެ ބައެއް މައުލޫމާތުތައް އޮޅިގެން ލީކްވުމުގެ ސަބަބުން މި ޑިވައިސް ނެރުން އަންނަ އަހަރަށް ފަސްކޮށްފާނެ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
އެޕަލްގެ އަހަރީ އިވެންޓް މިއަހަރު ކުރިއަށް ގެންދަން ނިންމާފައިވަނީ "ސަޕްރައިޒް އެންޑް ޝައިން" ޓެގްލައިންގައެވެ.




