ބޭނުންވާ ކޮންމެ ވަގުތަކުވެސް އިރާނަށް ހަމަލާދެވޭ ފެންވަރަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވާހަކަދައްކަވާފައި މިވަނީ އެމެރިކާ އިން އިރާނަށް ހޯމަ ދުވަހުގެ ރޭ ދިން ހަމަލާތަކުގެ ރައްދުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ ގިނަ އަސްކަރީ މަރުކަޒުތަކަކަށް އިރާނުން ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެން އެ ހަމަލާތަކުގެ ރައްދުގައި އެމެރިކާއިންވެސް ރޭގެ ވަގުތެއްގައި ވަރުގަދަ ހަމަލާތަކެއް އިރާނަށް ދިނުމަށްފަހު ކަމަށެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދިން ނަމަވެސް މިހާރު ކުރިއަށްދާ ހަމަލާތައް މާގިނަ ދުވަހަށް ދެމިގެން ނުދާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން އިރާނަށް ދޭ ހަމަލާތަކާ ގުޅިގެން އިރާނުގެ ވެރިކަމުގެ ބާރު ކެނޑެމުންދާ ކަމަށެވެ. އަދި ވަރަށް ބޮޑަށް ފޮނިކަނޑުއްވަމުން ޓްރަމްޕް ވިދާޅުވީ އިރާނުގެ ވެރިންގެ ކޮންމެ ހަރަކާތެއް އެމެރިކާއަށް އެނގޭ ކަމަށެވެ.
"އެމީހުން ކުރާ ހުރިހާ ކަމެއް އަހަރެމެންނަށް ފެނޭ. އަހަރެމެންނަށް ނުފެނި އެމީހުންނަށް ފާޚާނާ ހަމައަށްވެސް ނުދެވޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ހަމަލާތަކާ ގުޅިގެން އިރާނުގެ ސެކިއުރިޓީ ޗީފް މުހްސިން ރިޒާއީ ވިދާޅުވީ ހަނގުރާމައިގައި އެ ގައުމުން ގެންގުޅޭ އާކުޅުތައް ވަރަށް އަވަހަށް އެމެރިކާއަށް ދައްކާލާނެ ކަމަށެވެ. އެކަމަށް ތައްޔާރުވެ އޮތުމަށްވެސް އިންޒާރު ކުރެއްވި އެވެ.




