ޓެކްސްގެ ގާނޫނަކަށް ބަދަލެއް އަންނަ ކޮންމެ ފަހަރަކު އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަމުގެ ސަބަބުން ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެދާނެތީ އެވެ.
އެ ގޮތުން މިހާރު އެންމެ ބޮޑަށް ދެކެވެނީ ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަ އިސްލާހާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކެވެ.
މިއީ އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ.
"ޑެސްޓިނޭޝަން ޕްރިންސިޕަލް" އަށް ބިނާކޮށް ހުށަހަޅާފައިވާ މި އިސްލާހުގެ ސީދާ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްތައް ވިއްކާ ބޭރުގެ ކުންފުނިތަކެވެ. އެހެންކަމުން މިއީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޒަރޫރީ ހަރަދުތައް ބޮޑުވާނެ ޓެކްސެއް ނޫނެވެ.
ޖީއެސްޓީއަކީ މިހާރުވެސް ރާއްޖޭގައި ނަގަމުންދާ ޓެކްސެކެވެ. ފަތުރުވެރިކަމުގެ ދާއިރާއިން މި ޓެކްސް ނަގަނީ 17 އިންސައްތައިގަ އެވެ.
މި އިސްލާހުގެ ބޭނުމަކީ، ރާއްޖެއިން ބޭރުގެ ޓްރެވަލް އެޖެންޓުންނާއި، ޓުއާ އޮޕަރޭޓަރުންނާއި، އޮންލައިން ބުކިންގް ޕްލެޓްފޯމްތަކުން ޚިދުމަތް ވިއްކާއިރު، މިހާރު ޓެކްސް ނުނެގި ދޫވާ ބައިތަކުން ޓެކްސް ނެގުމެވެ. މި ބަދަލާއެކު އިތުރު ޓެކްސެއް ތައާރަފުކުރުމުގެ ބަދަލުގައި، މިހާރުވެސް އޮތް ޓެކްސް ހަމަހަމަކަމާއެކު ހުރިހާ ފަރާތްތަކެއްގެ އަތުން ނެގޭނެ އެވެ.
އާންމު މުދަލާއި ހިދުމަތްތަކަށް ޖީއެސްޓީއަށް އެއްވެސް އަސަރެއް ނުކުރާނެ
ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށް ގެންނަ މި ބަދަލުގެ ސަބަބުން ކާބޯތަކެއްޗާއި އެހެނިހެން މުދަލާއި ހިދުމަތްތަކުގެ އަގު ބޮޑެއް ނުވާނެ އެވެ. ސަބަބަކީ މިއީ މި އިސްލާހުގެ ތެރޭގައި ހިމެނޭ ކަންކަމަށް ނުވާތީ އެވެ.
ބޭރުގެ ޓުއާ އޮޕަރޭޓަރަކު ރާއްޖޭގެ ރިސޯޓަކުން ކޮޓަރިއެއް ގަތުމަށްފަހު، އެއަށްވުރެ ބޮޑު އަގުގައި ފަތުރުވެރިޔާއަށް އެ ކޮޓަރި ވިއްކި ނަމަވެސް މިހާރު ޖީއެސްޓީ ނެގެނީ ހަމައެކަނި ރާއްޖޭގެ ރިސޯޓަށް ލިބޭ ފައިސާގެ މިންވަރަށެވެ.
މި އިސްލާހުގެ ސަބަބުން، ބޭރުގެ ކުންފުނިން އިތުރަށް ނަގާ ފައިދާއިންވެސް ޖީއެސްޓީ ނެގޭނެ އެވެ. ސަބަބަކީ އެ ހިދުމަތަކީ ރާއްޖޭގައި ދެވޭ ހިދުމަތަކަށް ވާތީ އެވެ.
މި މުއާމަލާތުގައި ޓެކްސް ދައްކާ ފަރާތަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިޔާ އެވެ. ބޭރުގެ ކުންފުނީގެ ޒިންމާއަކީ އެ ޓެކްސް ފަތުރުވެރިޔާގެ އަތުން ނަގައި ރާއްޖޭގެ ދައުލަތަށް ދެއްކުމެވެ.
މި ބަދަލަށް އަމަލުކުރަން ފަށާނީ ކޮން އިރަކު؟
ބިލްގައިވާ ގޮތުން މި އިސްލާހަށް އަމަލުކުރަން ފަށާނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި ބަދަލާއެކު ބޭރުގެ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން މީރާގައި ރަޖިސްޓްރީވުމާއި ފައިސާ ދެއްކުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާނެ އެވެ.
މި ބަދަލުގެ ސަބަބުން ބޭރުގެ ކުންފުނިތަކުން ރާއްޖެއަށް ހިދުމަތް ދިނުން ހުއްޓާލާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ މިއީ ދުނިޔޭގެ 60 އަށްވުރެ ގިނަ ގައުމުގައި މިހާރުވެސް އަމަލުކުރަމުންދާ ބައިނަލްއަގުވާމީ އުސޫލެއް ކަމުގައިވާތީ އެވެ.
އާންމުންގެ ޒަރޫރީ ދިރިއުޅުމަށް އަސަރު ނުކުރާ ގޮތަށް ޓޫރިޒަމް ދާއިރާއިން ބޭރުގެ އޮޕަރޭޓަރަށް ނުވަތަ އެޖެންޓަށް ފަތުރުވެރިޔާ ދައްކާ ފައިސާއިން ނެގޭ މި ޓެކްސްއާއެކު 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް އަހަރަކު ލިބޭނެ ކަމަށް އަންދާޒާކުރެވެ އެވެ.




