ޕެރިސް ކައިރީގައި ހަތް ބިލިއަން ޑޮލަރުގެ އެމިއުޒްމަންޓް ޕާކެއް އަޅަން ފްރާންސާއި ސައުދީ އަރަބިއްޔާއިން ނިންމައިފި އެވެ.
މިކަން އިއުލާނުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ބޭއްވެވި ބައްދަލު ކުރެއްވުމަށްފަހު އެވެ.
މި އެއްބަސްވުމަކީ ހޯމަ ދުވަހު ސޮއިކުރި ޑީލްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މެކްރޮންގެ އޮފީހުން ބުނީ އެމިއުޒްމަންޓް ޕާކް މަޝްރޫއުގެ ދަށުން ޕެރިހުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގައި އޮންނަ ސެރްޖީ-ޕޮންޓޮއިސް ކައިރީގައި ތިން ތީމް ޕާކް އަޅާނެ އެވެ.
މި މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 22،000 ވަޒީފާ އުފެދޭނެ ކަމަށް ބެލެވޭއިރު މި މަޝްރޫއު ކުރިއަށް ގެންދަނީ ސައުދީ އަރަބިއްޔާގެ ސޮވަރިން ވެލްތު ފަންޑެއް ކަމަށްވާ ޤިއްދީޔާ އިންނެވެ.




