IRAN-CRISIS/SWISS-MEETING

ގަތަރުގެ ބޮޑުވަޒީރު މިއަދު އިރާނަށް ވަޑައިގަންނަވަނީ

ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ގާސިމް އާލް ޘާނީ މިއަދުގެ ވަގުތެއްގައި އިރާނަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ މިއީ އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށާއި އަލުން މަޝްވަރާތައް ފެށުމާ ގުޅޭގޮތުން ވާހަކަދެއްކެވުމަށް ކުރިއަށް ގެންދަވާ ދަތަރުފުޅެއް ކަމަށެވެ.

ތަރުޖަމާނު މާޖިދު އަލް އަންސާރީ ވިދާޅުވީ ގަތަރުގެ ފޮރިން މިނިސްޓަރުގެ މަގާމުވެސް ފުރުއްވާ ޝައިޚް މުހައްމަދު، ތެހެރާނުގައި އީރާނުގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވައި ނުތަނަވަސްކަން ކުޑަކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނާއި މަޝްވަރާއަށް ފަހި މާހައުލެއް ބިނާކުރުމާ ގުޅޭގޮތުން ވާހަކަދައްކަވާނެ ކަމަށެވެ.

މި ދަތުރުފުޅަކީ ޚިޔާލުތަފާތުވުންތައް ހައްލުކުރުމަށާއި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް އެންމެ ރަނގަޅު ގޮތަކީ ޑިޕްލޮމެޓިކް އުސޫލު ކަމަށް ގަތަރުން ގަބޫލުކުރާ ވިސްނުމާ އެއްގޮތަށް ކުރިއަށް ގެންދަވާ ދަތުރުފުޅެއް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

އިރާނުން ބުނީ އެމެރިކާއާއި އިރާންގެ މަޝްވަރާ ބައްދަލުވުންތަކުގައި ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އިސްނެގުންތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުންނާއި، ސަރަހައްދީ އެހެނިހެން ކަންކަމާ ގުޅޭގޮތުން ބޮޑުވަޒީރުގެ ދަތުރުުފުޅުގައި މަޝްވަރާކުރެވޭނެ ކަމަށެވެ.

އިރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށްޓަކައި އެ ދެ ގައުމުގެ ދެމެދުގައި މިދިޔަ ޖޫން މަހު އެކުލަވާލެވުނު އެއްބަސްވުން އެކުލަވާލުމުގައި ގަތަރުން ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ނަމަވެސް އަލުން ހަމަލާތައް ފެށުމާ ގުޅިގެން މިދިޔަ ޖުލައި މަހު އެ އެއްބަސްވުން އުވިގެންދިޔަ އެވެ.

އިރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ހަނގުރާމައަށް ހަ މަސް ފުރެން ކައިރިވެފައިވާއިރު މިވަގުތު ސީދާ ހަމަލާތަކެއް ބަދަލެއް ނުކުރެ އެވެ. ނަމަވެސް އިރާންގެ ކައިރީގައިވާ ހޮރުމޫޒް ކަނޑުއޮޅި އެ ގައުމުން ބަންދުކޮށްފައިވާތީ އެމެރިކާއިން އިރާންގެ ބޯޓުތަކަށް ހުރަސްއަޅަމުންދަތީ ކޮންމެ ވަގުތަކުވެސް އަލުން ހަނގުރާމަ ފެށިދާނެ ކަމުގެ ނުތަނަވަސްކަން ބޮޑެވެ.

އެމެރިކާއިން މިހާރު ވަނީ އީރާނާއެކު ވިޔަފާރިކުރާ ބައިވެރިންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އިރާނަށްދޭ އިގްތިސާދީ ފިއްތުންތައް އިތުރުކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *