އެމެރިކާގެ ސުލްހައިގެ މަންދޫބުން މިއަދު ޔުކްރޭނަށް

ރަޝިޔާ އާއި ޔުކްރޭނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާ އިން ކަނޑައަޅާފައިވާ ދެ މަންދޫބުން މިއަދުގެ ވަގުތެއްގައި ޔުކްރޭނަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މިމަޝްވަރާތަކަށް ކަނޑައަޅާފައިވާ ދެ މަންދޫބުންނަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކުޝްނާ އާއި ސުލްހައިގެ އިސް މަންދޫބެއްގެ ގޮތުގައި ޓްރަމްޕް ކަނޑައަޅުއްވާފައި ހުންނަވާ ސްޓީވް ވިޓްކޮފް އެވެ.

ކުޝްނާއާއި ސްޓީވް، ރަޝިޔާއަށް ވަޑައިގެން އިއްޔެގެ ވަގުތެއްގައި ވަނީ ލަޑީމިއާ ޕޫޓިންއާ ބައްދަލުކުރައްވާފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި މި ދެ ބޭފުޅުން ޔުކްރޭންގެ ވެރިރަށް ކިއޭވްއަށް ވަޑައިގެން އެ ގައުމުގެ ރައީސް ޒެލެންސްކީއާ ބައްދަލުކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިއީ ޓްރަމްޕްގެ ސުލްހައިގެ އިސް މަންދޫބަކު ކިއޭވްއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާނެ އެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން ޕޫޓިންއާއެކު ކުރެވުނު މަޝްވަރާތަކާ އެއްވަރުގެ ނަތީޖާ ނެރެވޭނެ ވަރުގެ ބައްދަލުވުންތަކެއް ބޭއްވުމަށް އެމެރިކާ އުއްމީދު ކުރެ އެވެ.

ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް އަވަސްކުރުމަށް ޓްރަމްޕް ބޭނުންފުޅުވާތީވެ ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭގައި މިކަމާ ގުޅޭ މުހިއްމު ނިންމުންތަކެއް އެމެރިކާ އިން އިއުލާން ކުރާނެ ކަމަށް މުރާސިލުން ލަފާކުރެ އެވެ.

އެމެރިކާގެ އޮފިޝަލުން ރަޝިޔާއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް ރަޝިޔާ އާއި ޔުކްރޭން ވަނީ ތިން ދުވަހުގެ މުއްދަތަކަށް ދެ ގައުމުގެ ވެރިރަށަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެފަ އެވެ.

ވިޓްކޮފް އާއި ކުޝްނާ ރަޝިޔާގައި މަޝްވަރާތައް ކުރިއަށް ގެންދެވި ވަގުތު، ޒެލެންސްކީ ވިދާޅުވީ އޭނާ ހުންނެވީ ވާހަކަ ދެއްކެވުމަށް ތައްޔާރަށް ކަމަށެވެ.

ރަޝިޔާގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓްކުރި ގޮތުގައި މޮސްކޯގައި ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުން ތިން ގަޑިއިރަށް ދިގުދެމިގެން ދިޔަ އެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ރަޝިޔާގެ ވެރިރަށް ކްރެމްލިންގެ މެދުތެރޭގައި ހުންނަ ޕޫޓިންގެ ރަސްމީ ގެކޮޅުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *