ހުއްދަ ނެތި ޑޮލަރުގެ ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ގާއިމުކުރި ހޮޓްލައިނަށް މިހާތަނަށް 65 ފަރާތެއްގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހޮޓްލައިނަށް މިހާތަނަށް ލިބިފައިވާ މެސެޖުތަކުގެ ތެރޭގައި ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅުންހުރި 65 މެސެޖު ހިމެނޭ ކަމަށެވެ.

މީގެ ތެރޭގައި ބިދޭސީ 27 މީހެއްގެ މައުލޫމާތާއި ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 18 ތަނަކާއި ބޮޑު އަގުގައި ބޭރުފައިސާ ގަނެ ވިއްކާ ހަތަރު ތަނެެއްގެ މައުލޫމާތުގެ އިތުރުން އޮންލައިންކޮށް ހިންގާ 16 ޕްލެޓްފޯމެއްގެ މައުލޫމާތު ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ މި މައުލޫމާތުތަކާ ގުޅިގެން މިހާތަނަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ރިޕޯޓްކޮށްފައިވާ އެހެނިހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މިފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭނުންވާ ފަރާތްތަކުން ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖު ކުރުމަށް ފުލުހުން މީގެ ކުރިން އެދިފައިވެ އެވެ. މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ މައުލޫމާތު ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ. އަދި މި ގޮތަށް މައުލޫމާތު ދޭ ފަރާތްތަކުން މައްސަލައިގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާއިރު އެމްއެމްއޭ އިން ދޫކުރާ މަނީ އެކްސްޗޭންޖު ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހެއްކާއި ގަރީނާ ހޯދުމަށް ނައިޑް ކުންފުނީގެ އޮފީސް ފުލުހުން އިއްޔެ ވަނީ މި މަހުގެ 1 ވަނަ ދުވަހު ބަލައިފާސްކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *