ޑޮލަރުގެ އަގު ރިކޯޑް އަދަދަކަށް ވެއްޓިއްޖެ

އެމެރިކާގެ ޑޮލަރުގެ އަގު އެކި ބޭރު ފައިސާތަކާ އަޅާ ބަލާއިރު ފޮރިން އެކްސްޗޭންޖުތަކުގައި ގިނަ އަހަރުތަކަށްފަހު ބޮޑުތަނުން ވެއްޓިއްޖެއެވެ.

މިގޮތުން ޖަޕާނުގެ ޔެން އަދި ޔޫރޯ ފަދަ މައި ފައިސާތަކާ އަޅާ ބަލާއިރު ޑޮލަރުގެ އަގު ދަށަށްގޮސްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެޑެރަލް ރިޒާވްގެ ޗީފް ޖެރޯމް ޕަވެލްއާ ދެކޮޅަށް ކުރިއަށް ގެންދާ ފާޑުކިޔުންތަކާ ގުޅިގެންނެވެ.

ރޯއިޓާޒްއިން ރިޕޯޓުކުރި ގޮތުގައި ޓްރަމްޕް ވަނީ ޕަވެލްއަށް "މޭޖާ ލޫޒާ" އެއް ކަމަށް ގޮވައި އިންޓަރެސްޓް ރޭޓް "މިހާރުން މިހާރަށް" ދަށްކުރުމަށް އަމުރުކޮށްފައެވެ.

ފެޑެރަލް ރިޒާވްގެ މިނިވަންކަމާމެދު މާކެޓުގައި ބޮޑެތި ސުވާލުތަކެއް އުފެދިފައިވާއިރު، ވައިޓް ހައުސްގެ ފަރާތުން ޕަވެލް ވަޒީފާއިން ވަކިކުރުމަށް ދިރާސާތަކެއް ކުރަމުންދާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕްގެ މި ހަމަލާ ފެށުނީ ޓެރިފުގެ ސަބަބުން އިންފްލޭޝަން ދިގު މުއްދަތަކަށް މައްޗަށް ދާނެކަން ސާފުވަންދެން ރޭޓް ދަށްކުރުމުގެ ބަދަލުގައި ކެތްތެރިވުން ރަގަޅު ކަމަށް ޕަވެލް ބުނުމުންނެވެ. އިންޓަރެސްޓް ރޭޓް ދަށްކުރުމަކީ ޓްރަމްޕްގެ ސަރުކާރުގެ އިގްތިސާދީ އެޖެންޑާގެ މައި ލަނޑުދަނޑިއެކެވެ.

އިގްތިސާދީ މާހިރުން ބުނާ ގޮތުގައި ޑޮލަރުގެ ހާލަތު ނާޒުކުވެފައިވަނީ އެމެރިކާއިން އުފުލަމުން އަންނަ ޓެރިފުތަކާ ގުޅިގެން ދުނިޔޭގެ ވިޔަފާރީގެ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން ބޮޑުވެފައިވާތީއެވެ.

ތައިލެންޑްގެ ޕްރައިމް މިނިސްޓަރު އެމެރިކާއާއެކު ވިޔަފާރީގެ މަޝްވަރާތައް ފަސްކުރުމާ ގުޅިގެން ޑޮލަރު އިތުރަށް ދަށަށް ގޮސްފައިވާއިރު، ޗައިނާއިން ވެސް އެމެރިކާ ޓެރިފުތައް ބޭނުންކުރާ ގޮތަށް ފާޑުކިޔައި ޓްރަމްޕްގެ ބޮޑެތި ވިޔަފާރީގެ އެއްބަސްވުންތަކަށް އެހެން ގައުމުތަކުން ބޭރުވުމަށް ވެސް ގޮވާލައިފައިވެއެވެ.

އައިއެންޖީގެ ސްޓްރެޓެޖިސްޓު ފްރެންސެސްކޯ ޕެސޯލް ވިދާޅުވި ގޮތުގައި ޕަވެލް ޓްރަމްޕްގެ އަމުރަށް ބޯލަނބައި ކުއްލި ރޭޓް ކަނޑާލުމަކީ ޑޮލަރަށް އެންމެ ނުރައްކާތެރި ހާލަތު ދިމާވާނެ ދަނޑިވަޅެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *