ޒުވާން ޔުމްނު މަސްތުވެގެން އަސް އިމާރާތަކުން ވެއްޓުނު މައްސަލާގައި އިންސާފު ހޯދުމުގެ ނަމުގައި މާލޭގައި ކޮންމެ ރެއަކު ޒުވާނުން ގެންދަނީ މުޒާހަރާ ކުރަމުންނެވެ. އެހެންނަމަވެސް އެ މުޒާހަރާތަކުގައި ރޯއައުގުރާނަ ގޮވުމާއި ބޭއަދަބީ ބަސްތަކުން އަނެކުންގެ އަބުރަށް ހުތުރު ކުރުމަކީ އާންމު ކަމަކަށް އޮތީ ވެފައެވެ.
މިއީ އިންސާފު ހޯދަން ނިކުމެގެން އުޅޭ ނަމޫނާ ޒުވާނުންގެ ކިބައިން ފެނިގެންވާނެ މަންޒަރެއް ނޫނެވެ. ޒުވާނުންނެއް ކަމަކު ކޮންމެ ގޮތެއް ވަރިހަމަކޮށް، ދުލަށް އައިހާ އެއްޗެއް ގޮވައި، އެނގިފައިވާހާ އައުގުރާނައާއި ބޭއަދަބީ ބަސްތަކުން މުޅި މާހައުލު ކިލަނބު ކުރުމަކީ އިންސާފަށް އޮތް މަގެއް ހެއްޔެވެ؟
ނޫނެކެވެ. މިހާރު ސިޔާސީ ވެފައިވާ މުޒާހަރާގައި ރިވެތި މަންޒަރުތަކެއް ނުފެނެއެވެ. ހެޔޮލަފާ އަޑުތަކެއް ނީވެއެވެ. އެހެންކަމުން މި މުޒާހަރާތަކުގެ މަގުސަދާމެދު އެތައް ގޮތަކުން ސުވާލު އުފެދޭ ހާލަތަށް ކަންތައްތައް ވަނީ ގޮސްފައެވެ.
ފުލުހުންގެ މުވައްސަސާއަށް ކުޑައިމީސް ބަސްތައް އެބަ ރައްދު ކުރެއެވެ. އިސްތިސްނާއެއް ނެތި ހުރިހާ ފުލުހުންނަށް އެބަ ބޯންދެއެވެ. ކީއްވެގެން ކޮން މަގުސަދެއް ހާސިލް ކުރަން ހެއްޔެވެ؟
"ހަގީގަތުގައި މުޒާހަރާ ފެށިގެން އައީ ވަކި އަމާޒެއް އޮވެގެނެއް ނޫންހެން ހީވަނީ. މިހާރު ކުޑަކޮށް ސިޔާސީ ވެލައިގެން މިއުޅެނީ. ހަޑިހުތުރު ބަސްތަކުން މީހުން ހިއުމިލިއޭޓްކުރަން ބޭނުން ވަނީ. އެކަމަކު އެއީ އާންމު ތަންތަނުގައި މުޒާހަރާ ކުރާއިރު، އަދި ރަނގަޅު މަގުސަދުގައި މުޒާހަރާ ކުރާއިރު ކަންތައް ހިނގާނެ ގޮތެއް ނޫން. ކަންކުރާނެ ގޮތެއްވެސް ނޫން. އަހަރެންވެސް މީ ޒުވާނެއް، މުޒާހަރާކުރަން އަހަންނަށް އޯކޭ އެކަމަކު މިހާރު މުޒާހަރާގައި އެގޮވާ އެއްޗެއްސާ އެއުޅޭ ހަޑިހުތުރުގޮތް ކަމަކު ނުދޭ،" މުހައްމަދު އަމީން ބުންޏެވެ.
މުޒާހަރާގެ ފުޓޭޖްތައް ބަލާއިރު އާއިލާ އެކުގައި ބަލާލެވޭވަރަށްވުރެ ދަށު ދަރަޖައިގެ ވާހަކަތައް ގިނައެވެ. ދޭތެރެ ދޭތެރެއިން، މުޒާހަރާގެ ބައިވެރިއަކު ހަމައިން ނެއްޓިގެން ރޯއައުގުރާނަ ގޮވަނީއެވެ. ބޭއަދަބީ ބަސްތަކުން ފަތި ފައްޗަށް އަމުނާލަނީއެވެ. މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. މިއީ އިންސާފު ހޯދޭނެ މަގެއް ވެސް ނޫނެވެ.
ފުލުހުންނަށާއި މުވައްސަސާތަކަށް މައްސަލަ މިނިވަންކަމާއެކު ތަހުގީގު ކުރުމަށް ފުރުސަތުދޭށެވެ. ޕަބްލިކްގެ ނުރަނގަޅު ޕްރެޝަރަށް ފުލުހުން ޖަވާބުދާރީވާން ޖެހުމުގެ ސަބަބުން ފުލުހުންގެ އަސްލު މަސައްކަތަށް ހެޔޮ ނަތީޖާ ހޯދުން ލަސްވެގެން ހިނގައިދާނެއެވެ. މުވައްސަސާތަކަށް ވެސް އެކަންކަން ބަލައި ފިޔަވަޅު އެޅުމަށް އޮތް މާހައުލު ގެއްލި ބިރުވެރިކަމެއް އުފެދިދާނެއެވެ.
އެހެންކަމުން ބޮއެގެން ވެއްޓުނު ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލިހުންނާއި މުވައްސަސާތަކަށް ފުރިހަމައަށް ފުރުސަތުދޭށެވެ. ނަތީޖާ ނުނެރެވިއްޖެނަމަ ނުކުމެ މުޒާހަރާ ކުރާށެވެ.




