މުސްލިމުންނަކީ ކޮބާ! މަޒުހަބީ ތަފާތަކީ ކާފަރު ކުރަން ޖެހޭ ކަމެއް ނޫން!

މީހާއަކީ މުސްލިމެއްތޯ ނޫންތޯ ސިއްކަ ޖެއްސެވުމުގެ އިޚްތިޔާރު އޮތީ ހަމައެކަނި ﷲ އާއި އެއިލާހުގެ ރަސޫލާއަށެވެ. އެނޫން ފަރާތަކަށް ކުފުރުގެ ހުކުމްކުރާކަށް މީހުންގެ ހިތެއް ނޭގޭނެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރަށްވާފައި ވެއެވެ. مَنْ صَلَّى الْبَرْدَيْنِ دَخَلَ الْجَنَّةَ (البخاري- مسلم) (މާނައީ: ފަތިސްނަމާދާއި ޢަޞުރުނަމާދު ކުރާ މީހާ ސުވަރުގެ ވަންނާނެއެވެ.) އަދިވެސް ކީރިތި ރަސޫލާ ޙަދީސް ކުރަށްވާފައި ވެއެވެ. مَنْ قَالَ لَا إِلَهَ إِلَّا اللَّهُ مِنْ قَلْبِهِ دَخَلَ الْجَنَّةَ (مسلم) (މާނައީ: ތިމާގެ ހިތުގެ އަޑިން ' لَا إِلَهَ إِلَّا اللَّهُ ' މިކަލިމަ ޤަބޫލުކޮށް ދުލުން ކިޔައިފި މީހާ ސުވަރުގެ ވަންނާނެއެވެ.) އަދިވެސް ލޮބުވެތި ރަސޫލާ ޙަދީސް ކުރަށްވާފައި ވެއެވެ. مَنْ صَلَّى صَلَاتَنَا وَاسْتَقْبَلَ قِبْلَتَنَا وَأَكَلَ ذَبِيحَتَنَا فَذَلِكَ الْمُسْلِمُ الَّذِي لَهُ ذِمَّةُ اللَّهِ وَذِمَّةُ رَسُولِهِ فَلَا تُخْفِرُوا اللَّهَ فِي ذِمَّتِهِ (بخاري، مسلم، نسائي وغيرهم) (މާނައީ: އަހަރެމެންގެ ނަމާދު ކުރާ، އަހަރެމެންގެ ޤިބްލައަށް ކުރިމަތިލާ، އަދި އަހަރެމެން މުސްލިމުން ކަތިލާ ތަކެތި ކައިއުޅޭ މީހާ، އެއީ މުސްލިމެކެވެ. އޭނާއަށް ﷲގެ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެންވެއެވެ. އަދި އެކަލާނގެ ރަސޫލާގެ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެންވެއެވެ. ފަހެ، އެފަދަ މީހުންނާމެދު ﷲ ދެއްވާފައިވާ ޙިމާޔަތާއި ރައްކާތެރިކަމާމެދު ތިޔައިން އެކަކުވެސް ﷲއަށް ޣަދަރުވެރިނުވާށެވެ.) އަދިވެސް ކީރިތި ރަސޫލާ ޙަދީސް ކުރަށްވާފައި ވެއެވެ. فَقَالَ مَا مِنْ عَبْدٍ قَالَ لَا إِلَهَ إِلَّا اللَّهُ ثُمَّ مَاتَ عَلَى ذَلِكَ إِلَّا دَخَلَ الْجَنَّةَ قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ وَإِنْ زَنَى وَإِنْ سَرَقَ قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ وَإِنْ زَنَى وَإِنْ سَرَقَ قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ وَإِنْ زَنَى وَإِنْ سَرَقَ عَلَى رَغْمِ أَنْفِ أَبِي ذَرٍّ (بخاري- مسلم) (މާނައީ: لَا إِلَهَ إِلَّا اللَّهُ މިކަލިމަ ކިޔައި، އެގޮތުގައި ދެމިހުރެ މަރުވެއްޖެ މީހާ ޔަޤީނުން ސުވަރުގެ ވަންނާނެއެވެ. އަބޫ ޛައްރު ވިދާޅުވަނީ، ތިމަން ދެންނެވީމެވެ: އޭނާ ޒިނޭކުރި ކަމުގައި ވިޔަސް އަދި ވައްކަންކުރި ކަމުގައި ވިޔަސްތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: އާނއެކެވެ! އޭނާ ޒިނޭކުރި ކަމުގައި ވިޔަސް އަދި ވައްކަންކުރި ކަމުގައި ވިޔަސްމެއެވެ. އަނެއްކާ ތިމަން ދެންނެވީމެވެ: އޭނާ ޒިނޭކުރި ކަމުގައި ވިޔަސް އަދި ވައްކަންކުރި ކަމުގައި ވިޔަސްތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: އާނއެކެވެ! އޭނާ ޒިނޭކުރި ކަމުގައި ވިޔަސް އަދި ވައްކަންކުރި ކަމުގައި ވިޔަސްމެއެވެ. އަނެއްކާވެސް ތިމަން ދެންނެވީމެވެ: އޭނާ ޒިނޭކުރި ކަމުގައި ވިޔަސް އަދި ވައްކަންކުރި ކަމުގައި ވިޔަސްތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: އާނއެކެވެ! އަބޫ ޛައްރު ކިތަންމެ ނުރުހެވުނު ކަމުގައި ވިއަސް، އޭނާ ޒިނޭކުރި ކަމުގައި ވިޔަސް އަދި ވައްކަންކުރި ކަމުގައި ވިޔަސް އެއީ މުސްލިމެކެވެ.)

 

މިއޮތީ ދީނުގެ ޙުކުމް އޮންނަ ގޮތެވެ. ދެން އަޅުގަނޑުމެން ދީނުން ދެތިން އަކުރު ކިޔަވައިގެން ތިބެ ދީނުގެ ނަމުގައި ހިތުހުރި މީހަކު ކާފަރުކުރާނީ ކިހިނަކުންތޯއެވެ. ތެދެކެވެ! މީހަކު ދީނުން ބޭރުވާ ފަދަ ކަމެއް ކޮއްފިނަމަ އޭނާގެ މައްސަލަ ޢަދުލުވެރި މުސްލިމު ކޯޓަކަށް ހުށަހަޅައި މައްސަލަ ތަޙްޤީޤުކޮށް ބެލުމަށްފަހު އެކޯޓުން އޭނާއާމެދު ޙުކުމެއް ކުރެވިދާނެއެވެ. އެނޫންގޮތަކަށް މީހުން ދީނުން ބޭރުކޮށް ދީނަށް ވެއްދުމުގެ ޙައްޤެއް އެކަކަށް އިސްލާމް ދީން ދީފައި ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *