135.69 ބިލިޔަނުގެ ބިޔަ މަސްރޫޢު: އަދާވާތްތެރި ވިޔަސް ވާންވީ ހިތަށް ކުޅަދާނެ މިންވަރަކުން!

ރާއްޖޭގެ މުޅި އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެނުވާނެ، މާލީ ޒޯނެއް ގާއިމުކުރަން ކުއްލި ގޮތަކަށް ބޭއްވި ކުލަގަދަ ހަފުލާއާ އެކު މުޅި ގައުމު ސިއްސުވައިލި އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމަށް ވުރެ ބޮޑު މަޝްރޫއެއްގެ އިތުރުން މިހާތަނަށް ރާއްޖޭގެ ތާރީހު ނުދެކޭ ވަރުގެ ބިޔަ މަޝްރޫއަކަށް ވާތީ އެވެ. މުޅި މަޝްރޫއުގެ އަގު 8.8 ބިލިއަން ޑޮލަރަށް އަރަ އެވެ. އެ އިންވެސްޓުމަންޓު ކާމިޔާބު ވެއްޖެ ނަމަ މުޅި ރާއްޖޭގެ އިގުތިސާދަށް އޭގެ ނަފާވެރިކަން ލިބޭނެ ކަން ޔަގީނެވެ. އަބަދު ބުރަ ބޮޑުވެ ހިންދެމި ނުލެވިގެން އުޅޭ ދައުލަތުގެ ބަޖެޓަށް ލުޔެއް ލިބޭނެ އެވެ.

މި މަޝްރޫއުގައި ސަރުކާރާ އެކު އޮތީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއްގެ ކުންފުންޏެއްކަން އެނގުމަކީ ދިވެހިންނަށް ލިބުނު އިތުރު ޔަގީން ކަމެކެވެ. އޭގެ ފަހަތުން، މި މަޝްރޫއުގައި ބައިވެރިވާކަމުގެ ލިޔުންތައް ފުލުފުލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅަށް އަރުވަމުން ގެންދެވީ ވެސް ހަމަ އެފަދަ ހައިސިއްޔަތު ތިއްބެވި ބޭފުޅުންނެވެ. ޔޫއޭއީގެ ހަތް ދާއިރާގެ ތެރެއިން އެއް ދާއިރާގެ ވެރިޔާގެ ނައިބެވެ. ސައުދީ އަރަބިއްޔާގެ ޕްރިންސެއް ވެސް މެ އެވެ. ހަމަ މުއްސަނދި އަރަބި ގައުމުތަކުގެ ޝާހީ އާއިލާގެ ބޭފުޅުން މި ތަސައްވުރުގެ ފަހަތަށް އަރައިވަޑައިގެންނެވި މަންޒަރު ފެނިފައިވާ އުއްމީދު އާ ވި އެވެ.

އެކަމަކު، އޭގެ ތެރެއިން ސައުދީގެ "ޕްރިންސް" އާ ރައީސް މުއިއްޒު ބައްދަލުކުރެއްވި ވަގުތުން ފެށިގެން އެހެން ވާހަކަތަކެއް ސޯޝަލް މީޑިއާ އާއި ރާއްޖޭގެ މެއިންސްޓްރީމް މީޑިއާގައި ވަނީ ދައްކަން ފަށައިފަ އެވެ. ސުވާލު އުފައްދަން ޖެހެނީ އެއީ ކީއްވެގެންތޯއެވެ. ހަމަ ހަމަ ހަޖަމް ނުވުމެވެ. ޒާތީ ވުމެވެ.

ޑރ. މުޢިއްޒު އެ ގެންނަވަނީ އިންގިލާބީ ބޮޑު ބަދަލެކެވެ. ރާއްޖޭގެ އިގްތިސާދީ ކުރިމަގު މުޅިން ބަދަލުކޮށްލާނެވަރުގެ ވަރުގަދަ ބަދަލެކެވެ. އެހެންވެ އިދިކޮޅު ފަރާތްތަކަށް ކެތެއް ނުވިއެވެ. ކޮންމެވެސް ޖެއްސުމެއް ކޮށްނުލައި، ކޮންމެވެސް ދޮގު ވާޙަކައެއް ދައްކާނުލައި މަޑުން ނުތިބެވެނީއެވެ.

މިހާރު އިދިކޮޅުން ހިފާފައި އެ ތިބީ އެ ބޮޑު ޕްރޮޖެކްޓްގެ ފަހަތުގައި ތިބި ވަރުގަދަ އިންވެސްޓަރުން ޑިސް ކްރެޑިޓް ކުރާށެވެ. އެހެނެއް ވާކަށް ނެެތެވެ. ދިވެހިން މިހާރު ތިބީ ހޭލައެވެ. ދިވެހި ސަރުކާރު އެއަށްވުރެ މާ ހުށިޔާރެވެ. އެހުރިހާ ކަމަކުން ހެޔޮ މަގު ހޯދައި އެ މަޝްރޫއު ވުދޫު ކުރާނެ ގޮތްތައް ދިވެހި ސަރުކާރުގެ ވިސްނުމުގައި އެބަހުއްޓެވެ.

ޕްރިންސެއްގެ ވާހަކަ ނުކިއްސަރުކޮށް ދައްކައިގެން އިދިކޮޅަށް ލިބޭނެ މޮޅެއް ނެތެވެ. ބިންގާ އަޅާފައި އެވަނީ 8.8 ބިލިއަން ޑޮަލަރުގެ ބިޔަ މަޝްރޫއެކެވެ. އެކަން ދެން ފަނޑުކޮށްލެވޭނެ ގޮތެއް ނެތެވެ. ހަަމަ އެއްގޮތްވެސް ނެތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *