މުދާ ހޯދުމުގައި ބިރުވެތި ވޭ!

އިސްލާމްދީނުގައި މުދާ ހޯދުމަކީ އަޅުކަމެކެވެ. އެހެނަސް މުދާ ހޯދުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. ހަލާލު ގޮތުގައި މުދާ ހޯދުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބު ކަމެކެވެ. އަދި ހަރާމް ގޮތުގައި މުދާ ހޯދުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެކެވެ.

 

މާތް ﷲ ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ: ﴿29﴾ يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا.

 

މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ. (އައްނިސާ 29 ވަނަ އާޔަތް)

 

މި އާޔަތުން އަޅުގަނޑުމެންނަށް އެނގެނީ ހަރާމް ގޮތުގައި މުދާ ހޯދުމަކީ ﷲ ގެ ޙަޟްރަތުގައި ވާ ވަރަށް ބޮޑު ފާފައެއްކަމެވެ.

 

މުދާ ހޯދުމުގައި ބިރުވެތިވާންޖެހޭ އެތައް ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި:

 

. ހަރާމް މުދަލުން ކުރާ އަޅުކަން ޤަބޫލުނުވުން: ރަސޫލު ﷲ ﷺ ގެ އިރުޝާދުތަކުން އެނގޭ ގޮތުގައި ހަރާމް ގޮތުގައި ހޯދާފައިވާ މުދަލަކުން ކުރެވޭ ހޭދައެއް ކަމުގައިވިޔަސް އަދި ކުރެވޭ އަޅުކަމެއް އަދި ހެޔޮކަމެއް ކަމުގައި ވިޔަސް، ﷲ އެ އަ ޢަމަލެއް ޤަބޫލުނުކުރައްވާނެއެވެ.

 

. ދުޢާ އިޖާބަ ނުވުން: ހަރާމް މުދާ ކައި، ހަރާމް ފައިސާއިން ގަނެފައިވާ އަންނައުނު ލައިގެން ހުރެ ކުރާ ދުޢާ އިޖާބަ ނުވާނެކަމަށްވެސް ޖުމްހޫރު ޢިލްމުވެރިން ފާހަގަ ކުރައްވައެވެ.

 

. ނަރަކައިގެ ޢަޛާބު: ހަރާމް މުދާ ހޯދާ މީހުންނަށް އާޚިރަތުގައި ލިބޭނީ ނަރަކައިގެ ވޭންދެނިވި ޢަޛާބު ކަމާއި މެދު ދެބަސްވާ އެއްވެސް ޢިލްމުވެރިއަކު ނެތެވެ.

 

. ދުނިޔެމަތީގައި ބަރަކާތް ކެނޑުން: ހަރާމް މުދަލުގައި ބަރަކާތެއް ނުހުންނާނެއެވެ. އެފަދަ މުދަލުން އުފާވެރިކަމެއް ނުލިބޭނެއެވެ. ޢިލްމުވެރިން ފާހަގަ ކުރާ ގޮތުގައި ހަރާމް ގޮތުގައި ހޯދާ މުދަލާއި ފައިސާއިން ދުނިޔެމަތީގައި ވަގުތީ އުފަލެއް ލިބުނެއްކަމަކު، ހަމަ މި ދުނިޔެމަތީގައި އެ މުދަލެއް ހިތި ގޮތަކަށް ބިކަމުވަކީ ވަރަށް ގާތުގައިވާ ކަމެކެވެ.

 

އެހެންކަމުން، މުދާ ހޯދުމުގައި ވަރަށް ބޮޑަށް ބިރުވެތިވާންޖެހެއެވެ. ކުޑަމިންވަރެއް ނަމަވެސް ހަރާމް އެއްޗެއް ނުހޯދުމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. ހަލާލު މަގުން މުދާ ހޯދުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަދި އެއީ ﷲ ގެ ރުއްސެވުން ހޯދުމުގެ މަގެކެވެ.

 

މުދާ ހޯދުމުގައި ބިރުވެތިވެ، ހަލާލު މަގުން އެކަނި މުދާ ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ މުސްލިމެއްގެވެސް ޒިންމާއެކެވެ. އަދުގެ މި ޒަމާނުގައި ތަފާތު އެކި ގޮތް ގޮތުން މުދަލާއި ފައިސާ ހޯދެން އޮންނަ އިރު، އެ މަގުތަކުގެ ހަލާލުކަމާއި ހަރާމްކަން އިލްމުވެރިން ކުރެން އަހާ އޮޅުންފިލުންވުމަކީ މުސްލިމުތަކުންނަށް އޮތް ވާޖިބެއްވެސް މެއެވެ. ކަންމިހެން ހުރުމާއިއެކު، އަޅުގަނޑުމެން އެންމެން މިކަމަށް ސަމާލުވެ، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ހޯދުމަށް މަސައްކަތް ކުރަމާ ހިންގަވާށެވެ!

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *