އިސްރާއީލް ދިފާއުކުރަން މަސައްކަތްކުރާ ޤައުމުތަަށް ހަމަލާދޭނެ ކަމަށް އީރާނުން ބުނެފި

އިސްރާއީލް ދިފާއުކުރަން މަސައްކަތްކުރާ ޤައުމުތަކުގެ ސަރަހައްދީ އަމާޒުތަކަށް ހަމަލާދޭނެ ކަމަށް އީރާނުގެ އިސް އޮފިޝަލެއް ބުނެފިއެވެ. މި ވާހަކަ އެމެރިކާގެ މީޑިޔާ ވަސީލަތް، ސީއެންއެންއަށް ހާމަކުރި އީރާނުގެ އޮފިޝަލްގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

އެ އޮފިޝަލް ސީއެންއެންއަށް ދެއްކި ވާހަކައިގައި ބުނެފައިވަނީ "ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އިސްރާއީލްގެ ރެޖީމްއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ހައްޤު އީރާނަށް ލިބިގެންވާ" ކަމަށެވެ.

އަދި އިތުރަށް އެ އޮފިޝަލް ބުނެފައިވަނީ "އިސްރާއީލްގެ ވެރިކަން ދިފާއުކުރަން މަސައްކަތްކުރާ ކޮންމެ ޤައުމެއްގެ ސަރަހައްދީ އަމާޒުތަކާއި މަރުކަޒުތަކަށް ހަމަލާދެވޭނެ" ކަމަށެވެ.

މި އިންޒާރު ދީފައިވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން، އީރާނުން އިސްރާއީލަށް ދެމުންދާ އިންޒާރުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އީރާނުން މިފަދަ އިންޒާރުތައް ދެމުންދާއިރު، ސަރަހައްދުގައި ހަމަނުޖެހުން އިތުރުވެދާނެ ކަމުގެ ބިރު ބައިނަލްއަޤްވާމީ މުޖުތަމައުގެ ފަރާތްތަކުން ފާޅުކުރަމުންދެއެވެ.

އިސްރާއީލްގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ އެ ޤައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކުން ރައްކާތެރިވުމަށް ތައްޔާރަށް ތިބޭނެ ކަމަށެވެ. އަދި އެމެރިކާއިން ވެސް އިސްރާއީލްގެ ދިފާއުގައި ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *