ލިވަޕޫލުން ޖޮޓާގެ 20 ނަންބަރު ޖާޒީ ރިޓަޔާކޮށްފި

އިނގިރޭސި ކްލަބް ލިވަޕޫލަށް ކުޅުނު ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޖޮޓާގެ 20 ނަންބަރު ޖާޒީ އެކްލަބުން ރިޓަޔާކޮށްފި އެވެ.

ލިވަޕޫލްއިން ޖާޒީ ރިޓަޔާކުރީ ކާރު އެކްސިޑެންޓެއްގައި މިމަހުގެ ތިންވަނަ ދުވަހު ޖޮޓާ މަރުވުމުން، އޭނާގެ ހަނދާނުގައެވެ.

ލިވަޕޫލްގެ އިސް އޮފިޝަލުން ވިދާޅުވީ 20 ނަންބަރު ރިޓައާ ކުރީ ޖޮޓާ ކުލަބަށް ކޮށްދިން ހިދުމަތުގެ އަގުވަޒަން ކުރުމަށާއި އަބަދުގެ އަބަދަށް އެ ކުޅުންތެރިޔާގެ ހަނދާން އާކޮށް އަގުވަޒަން ކުރުމަށް ކަމަށެވެ.

ލިވަޕޫލްގެ ސީއީއޯ މައިކަލް އެޑްވަޑް ވިދާޅުވީ މިކަމުގެ މައުލޫމާތު ޖޮޓާގެ ހުވަފެން އަނބިމީހާ ރުޓޭ އާއި އާއިލާއަށް ދީފައިވާނެ ކަމަށެވެ.

"ކުލަބެއްގެ ހައިސިއްޔަތުން އަހަރެމެންނަށް އެނގޭ ވަރަށް ގިނަ ފޭނުން ތިބި ގޮތް ވެސް މިކަމުގައި ބައިވެރިވާން. އެ ހުރިހާ ފޭނުންގެ ވިސްނުން ހުރި ގޮތަށް ޖޮޓާގެ އަންހެނުންނާއި އާއިލާ މިކަމުގައި ބައިވެރި ކުރުމަކީ ވަރަށް މުހިންމު ކަމެއް" އެޑްވަޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ލިވަޕޫލްގެ ތާރީހުގައި މިފަދަ ގޮތަކަށް ކުޅުންތެރިއެއްގެ ޖާޒީ ރިޓަޔާކުރި ފުރަތަމަ ފަހަރު ކަމަށެވެ.

އެހެންވެ މިއީ ކުޅުންތެރިޔާގެ ހިދުމަތުގެ އަގުވަޒަން ކުރެވޭނެ މުހިއްމު އަދި ތާރީހީ ކަމެއް ކަމަށް ކުލަބުން ގަބޫލުކުރާ ކަމަށެވެ.

ލިވަޕޫލްގެ އެއްވެސް ޓީމަކުން 20 ނަންބަރު މީގެ ފަހުން ބޭނުން ނުކުރާނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *