އެމެރިކާ ސަރުކާރުން އިންޓެލްގެ 10 އިންސައްތަ ހިއްސާ ގަންނަނީ

ވިޔަފާރި ވަރަށް ބޮޑަށް އަޑިއަޅާލައި ބަނގުރޫޓުވުމުގެ މަގުމަތީގައި އޮތް ޗިޕް އުފައްދާ ކުންފުނި އިންޓެލްގެ 10 އިންސައްތަ ހިއްސާ ގަންނަން އެމެރިކާ ސަރުކާރުން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މިއީ އެމެރިކާގެ ކޯޕަރޭޓް ކަންކަމަށް ސަރުކާރުން އާދަޔާ ހިލާފަށް ބޮޑު ނުފޫޒެއް ފޯރުވި އެންމެ ފަހުގެ ހާދިސާ އެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާ ސަރުކާރުން އިންޓެލްގެ 9.9 އިންސައްތަ ހިއްސާ 8.9 ބިލިއަން ޑޮލަރަށް ގަންނަން ނިންމާފައިވަނީ ކޮންމެ ހިއްސާއެއް 20.47 ޑޮލަރަށެވެ. މިއީ ހުކުރު ދުވަހު އިންޓެލްގެ ހިއްސާގެ ވިޔަފާރި ނިމުނުއިރު ހުރި އަގު ކަމަށްވާ 24.80 ޑޮލަރާ އަޅާބަލާއިރު ކޮންމެ ހިއްސާއަކުން ގާތްގަނޑަކަށް 4 ޑޮލަރުގެ ޑިސްކައުންޓެކެވެ.

ސަރުކާރުން ޖުމްލަ 433.3 މިލިއަން ހިއްސާ ގަންނާނީ ޗިޕްސް އެކްޓްގެ ދަށުން ދޭންޖެހިފައިވާ 5.7 ބިލިއަން ޑޮލަރުގެ އެހީއާއި، ސެކިއުރިޓީ އެންކްލޭވް ޕްރޮގްރާމަށް އިންޓެލްއަށް ދިނުމަށް ހަމަޖެހިފައިވާ 3.2 ބިލިއަން ޑޮލަރު ބޭނުންކޮށްގެންނެވެ.

މި ހަބަރު ފެތުރުމާއެކު މިދިޔަ ހުކުރު ދުވަހު ހިއްސާގެ ބާޒާރުގައި އިންޓެލްގެ ހިއްސާގެ އަގު 1.2 އިންސައްތަ ދަށަށް ގޮސްފައިވެ އެވެ.

މި އެއްބަސްވުމަށް އައުމުގެ ކުރިން މި މަހުގެ ކުރީކޮޅު އިންޓެލްގެ ސީއީއޯ ލިޕް-ބޫ ޓޭން އާއި ރައީސް ޓްރަމްޕާ ދެމެދު ބައްދަލުވުމެއް ބާއްވާފައިވެ އެވެ.

މި އެއްބަސްވުން ފައިނަލްވެފައިވާ ކަމަށް ކޮމާސް ސެކްރެޓަރީ ހޮވާޑް ލުޓްނިކް އެކްސް މެދުވެރިކުރައްވައި ކަށަވަރުކޮށްދެއްވި އެވެ.

"އެމެރިކާ ސަރުކާރުން މިހާރު އިންޓެލްގެ 10 އިންސައްތަ މިލްކުކުރޭ،" އޭނާ ލިޔުއްވާފައިވެ އެވެ.

މިއެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް ޓްރަމްޕް ނުދެއްވި ނަމަވެސް ހިއްސާގެ އަގު އެއީ ގާތްގަނޑަކަށް ޗިޕްސް އެކްޓްގެ ދަށުން އިންޓެލްއަށް އެމެރިކާގައި ޗިޕް އުފައްދާ ކާރުހާނާ ބިނާކުރުމަށް ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ އެހީގެ މިންވަރާ އެއްވަރުގެ އަދަދެއް ކަމަށް ބުނެވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *