ސިންގަޕޫރުގެ ވެރިންގެ މުސާރަ ބޮޑުކޮށްފި

ސިންގަޕޫރުގެ އެންމެ އިސްވެރިންގެ މުސާރަ ބޮޑުކުރަން ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމު ކަމަށްވާ ސިންގަޕޫރުގެ ވެރިންގެ މުސާރަތައް ބޮޑުކުރަން ނިންމުމާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްގެ މުސާރައަށް އަހަރަކު 1.4 މިލިއަން ސިންގަޕޫރު ޑޮލަރު އިތުރުވާނެ އެވެ.

ލޯރެންސްގެ އަހަރީ މުސާރައަކީ 2.2 މިލިއަން ސިންގަޕޫރު ޑޮލަރު (1.7 މިލިއަން އެމެރިކާ ޑޮލަރު) އެވެ. އިތުރުކުރެވުނު އަދަދާއެކު ލޯރެންސަށް މުސާރައިގެ ގޮތުގައި އަހަރަކު 3.6 މިލިއަން ސިންގަޕޫރު ޑޮލަރު (2.8 މިލިއަން އެމެރިކާ ޑޮލަރު) ލިބޭނެ އެވެ.

މިބަދަލާ އެކު ސިންގަޕޫރުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުގެ މުސާރަ 1.8 މިލިއަން ސިންގަޕޫރު ޑޮލަރުން 3 މިލިއަން ސިންގަޕޫރު ޑޮލަރަށް މަތިވާނެ އެވެ.

ދުނިޔޭގައި މިހާރުވެސް އެންމެ ބޮޑު މުސާރައެއް ލިބޭ ވެރިންގެ ތެރޭގައި ސިންގަޕޫރުގެ ވެރިން ހިމެނޭއިރު މިބަދަލާ އެކު ވަޒީރުންގެ މުސާރަތައްވެސް ވަނީ 60 ޕަސަންޓްް ބޮޑުކޮށްފަ އެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވިދާޅުވީ އޭނާގެ މުސާރައަށް އިތުރުވި އަދަދު ކުރިއަށް އޮތް ފަސް އަހަރު ހަދިޔާކުރާނީ ސޮދަގާތު ފަންޑަކަށް ކަމަށެވެ.

ސިންގަޕޫރުގެ ވެރިންގެ މުސާރަތައް އެންމެ ފަހުން ބޮޑުކުރީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ.

ލޯރެންސް ވިދާޅުވީ ސިންގަޕޫރުގެ ވެރިންގެ މުސާރަތައް ބޮޑުކުރަން މިނިވަން ކޮމިޓީއަކުން ދިން ލަފައާ އެއްގޮތަށް ކަންކަން ތަންފީޒުކުރަން ފަށާނީ ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަސައްކަތުގެ ފެންވަރާއި، ހާލަތާއި، ކުރަންޖެހޭ މަސައްކަތްތަކަށް ބަލާފައި ކަމަށެވެ.

ސިންގަޕޫރަކީ މުޅި ދުނިޔޭގައިވެސް ކޮރަޕްޝަންގެ މައްސަލަތަކާއި ޖިނާއީ ބޮޑެތި ކުށްތައް އެންމެ މަދު އެއް ގައުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *